ރާއްޖޭގެ އުތުރާއި މެދު ތެރޭގެ އަތޮޅުތަކަށް ވައި ވަރަށް ބާރުވެ، ކަނޑުތައް ގަދަވެދާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވަނީ ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މޫސުން ގޯސްވަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފަކާއި ގުޅިގެން ކަމަށް ވިދާޅުވެފައެވެ. ލޯ ޕްރެޝާ ޓްރަފް އުފެދިފައި ވަނީ ރާއްޖޭގެ އުތުރުން އިންޑިއާގެ ހުޅަނގުގައެވެ.

މޫސުން ގޯސްވެ ވައިގަދަވާނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ކަމަށް ލަފާކުރެވެއެވެ.

އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ގަޑިއަކު 25 މެލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް އިން ނެރުނު ރީނދޫ ސަމާލުގެ މުއްދަތު ހަމަވާނީ އިރުއޮއްސި 6:30 އަށެވެ.