ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ތ. ކަނޑޫދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ދަނޑުވެރިންގެ ފޯރަމް ނިންމާލައިފިއެވެ.

ކަނޑޫދޫގެ ކައުންސިލް އިދާރާގެ ހޯލުގައި ދެދުވަހަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ފޯރަމް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝެރީޒް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ ޑރ.ހުސެން ރަޝީދު ހަސަންއެވެ.

މި ފޯރަމް ފައްޓަވައިދެއްވަމުން މިނިސްޓަރ ޑރ.ހުސެން ރަޝީދު ވިދާޅުވީ، މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރުން ކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމަަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެެވެ.

މި ފޯރަމްގައި ގިނަ ރަށްތަކެއްގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމާއި ގުޅުންހުރި ބައެއް މަދަނީ ޖަމުއްޔާތައްވެސް ބައިވެރިވިއެވެ.

ފޯރަމްގައި ބައިވެރިވި ދަނޑުވެރިން ވަނީ ދަނޑުވެރިކަން ކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާ ކޮށްފައެވެ. އެގޮތުން، ބިންލިބުމުގެ ދަތިކަމާއި، މިރުހަށް ރަނގަޅު އަގު ނުލިބުމާއި، ޒަމާނީ ތަމްރީނު ލިބިފައިވާ ދަނޑުވެރިންގެ މަދުކަން ފަދަ ކަންތައްތަކެއް ދަނޑުވެރިން ފާހަގަ ކޮށްފައިވެއެވެ.

ދަނޑުވެރިންގެ ފަރާތުން ފާހަގަކުރެވުނު ކަންކަމަށާއި، ދަނޑުވެރިންގެ ސުވާލުތަކަށް މިނިސްޓަރ ވަނީ ޖަވާބު ދެއްވާފައެވެ.