ޗީފް އޮމްބަޑްސްޕާސްންގެ އޮފީހުގެ އިސްވެރިންނާއި މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ބައްދަލުކޮށް މަޝްވަރާކުރެއްވި ކަންތައްތައް އެކައުންސިލުން ހާމަކޮށްފިއެވެ.

ކައުންސިލުން އެކަންތައްތައް ހާމަކޮށްފައިވަނީ މީސްމީޑިއާގައި މިބައްދަލުވުމާއި ގުޅިގެން ސުވާލު އުފެދޭކަމަށް ބުނެ ވާހަކަތަކެއް ފަތުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެގޮތުން މާލޭސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އޮމްބަޑްސްޕާސްން އޮފީހުން ކައުންސިލާއި ބައްދަލުކޮށްފައިވަނީ އެ އޮފީހަށް ހުށަހެޅިފައިވާ ގޯތި ގެދޮރާއި މުނިސިޕަލް ހިދުމަތްތަކާއި ގުޅުންހުރި މައްސަލަތަކާއި ގުޅޭ ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމުގައި އަވަސް ކުރަން ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

އެ ބައްދަލުވުމުގައި އޮމްބަޑްސްޕާސްން އޮފީހަށް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މޭޔަރު ޑރ.މުއިއްޒު ޔަގީންކަން ދެއްވާފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

އެކަންކަން ހިއްސާ ކުރައްވަމުން ނަރީޝް ވިދާޅުވީ، "ކަމުގެ ހަގީގަތް އޮޅުވާލުމަށް ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ" ކަމަށެވެ.

މީސްމީޑިއާގައި އެފަދަ ގޮތަކަށް ހަބަރުތަކެއް ގެނެސްދީފައިވަނީ އޮމްބަޑްސްޕާސްން އޮފީހާއި ކައުންސިލުން ބޭއްވި ބައްދަލުވުމަށްފަހު، އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަންކަމުގެ ވާހަކަ ދެފަރާތުން ވެސް ހިއްސާ ނުކޮށް، ހަމަ އެކަނި ބައްދަލުކުރައްވާފައިވާ ކަމަށް ސިޓީ ކައުންސިލުން ޓުވިޓު ކުރުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    މިމީހުން ހީކުރަނީ މުއައްސަސާއެއް އުފެއްދީމާ ރައްޔިތުންނަށް ހިދުމަތް ދެވުނީކަމަށް އެއްވެސް ތަނަކުން ހިދުމަތެއް ނުލިބޭނެ ! މުއައްސަސާތަށް މަދީތޯ ؟

  2. Anonymous

    މާލޭ ސިޓީ ކައުންސިލަކީ ދައުލަތުގެ އިދާރާއެއް. މާލޭ ސިޓީގެ ގިނަގިނަ ޚިދުމަތްތައް ޙަވާލުކޮށްފައިވާ އިދާރާ. ސަރުކާރުގެ އިދާރާތަކުން ސިޓީ ކައުންސިލާ ބައްދަލުކުރުމަކީ މައްސަލައެއްނޫން. އެއީ ކުރަންޖެހޭ ކަމެއް.