ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައި ވަނީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި 10 މީހަކު ހައްޔަރު ކުރިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނާއި 25 އަހަރު، 26 އަހަރު، 27 އަހަރު، 30 އަހަރު، 34 އަހަރު، 35 އަހަރުގެ މީހަކާ އަދި 61 އަހަރުގެ މީހެކެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސިންނެވެ. މި އެންމެންނަކީވެސް ފިރިހެނުންނެވެ.

އެ އޮޕަރޭޝަނުގައި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައިވެއެވެ.

މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށާއި، ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި، އެކަކުގެ ބަންދަށް ޖެހީ ފަސް ދުވަސް ކަމަށެވެ.

އަދި ދެ މީހަކު ކޯޓުން ދޫކޮށްލިއިރު، އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތީ 100 ކިލޯގެ ހެރޮއިންއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    އަވައްޓެރި ޤައުމު ތަކުގެ މީހުން ދުނިޔޭގެ ޤައުމުތަކަށް މަސްތުވާތަކެތި ފޮނުވާ ހަބަކަށް ރާއްޖެ ވެއްޖެ،؟ އަވައްޓެރި ޤައުމުތަކުން ތިއެއްޗެހި ގެންނަނީ އަޅެކިހިނެއްބާ ؟