އުތުރުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުކުރެވޭ އެކުއްޖާގެ ބޮޑުބޭބެ ހައްޔަރުކޮށްފިއެވެ.

ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ އެކުއްޖާގެ ބޮޑުބޭބެ ކަމަކަށް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަަނީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައެވެ.

ހައްޔަރު ކޮށްފައި ވަނީ ކުއްޖާގެ ބޮޑުބޭބެއެއް ކަމަށް ފުލުހުން ނުބުނި ނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި މީހަކީ ކުއްޖާގެ ބޮޑުބޭބެއެކެވެ.

ފުލުހުން ބުނީ، ނޯތު ޕޮލިސް ޑިވިޝަން ( ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

މިމައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި މިވަނީ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުން ލަސްވެގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.