ރާއްޖޭގެ ޖީޑީޕީގައި ދަނޑުވެރިކަން ހިއްސާކުރާ މިންވަރު ބަދަލުކުރެވޭނެ މިންވަރުގެ މާކެޓެއް އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ރޭ ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދަޅުވީ، ދަނޑުވެރިކަންކުރާއިރު ޒަމާނީ ޓެކްނޮލޮޖީއާ ސައިންޓިފިކް ދިރާސާތައް ދަނޑުވެރިންނާ ހަމައަށް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ހުރިނަމަވެސް ރިސާޗާއި އެކަށީގެންވާ ޕްލޭނަކާ އެކު ރާއްޖޭގައިވެސް އުފެއްދިދާނެ 17 ބާވަތެއް އޮތްކަން ފާހަގަކުރައްވައި ސަރުކާރުގެ އަމާޒަކީ އެ ބާވަތްތައް ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދޭނެ ޕްލޭނަކާ އެކު މަސައްކަތްކުރުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ފުރުސަތު ފަހިކުރުމަށް ބޭރުން މި ބާވަތްތައް އެތެރެކުރުން މަދުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް ވިދަޅުވީ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ލިބޭފަދަ ގިނަ ލޯން ސްކީމް ފަަދަ ފުރުސަތުތައް ހުރިނަމަވެސް އެމައުލޫމާތު ދަނޑުވެރިންނާ ހަމައަށް ފޯރުމުގައި ދަތިތަކެއް ހުރިކަމަށެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ރާއްޖޭގެ ޖީޑީޕީގައި ދަނޑުވެރިކަން ހިއްސާކުރަނީ 1.7 އިންސައްތަ ނަމަވެސް އެކަން ބަދަލުކުރެވޭ މިންވަރަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރެވޭނެވަރުގެ މާކެޓެއް އޮތްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ރިޒޯޓްތަކަށް ބޭނުންވާ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް އުފެއްދުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރެވިއްޖެނަމަ ދަނޑުވެރިކަމުން ލިބޭ އާމްދަނީ ޖީޑީޕީގައި ހިއްސާ ކުރާ މިންވަރު މިހާރަށްވުރެ މަތިކުރެވޭނެކަމުގައި ވިދާޅުވިއެވެ.

އެ ޖަލްސާގައި، ދަނޑުވެރިކަމަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވައި ރިޓަޔަރކުރައްވާފައިވާ ފިޝަރީޒް މިނިސްޓްރިގެ މުވައްޒަފަކާ އަދި ކަނޑޫދުއަށް ދަނޑުވެރިކަމުގެ މަސައްކަތް ތައާރަފުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުފައްކިރު.

    މީހަކު ލިއެފަދިން އެއްޗެއް ކިޔާލުން ފިޔަވާ އެއްވެސް ކަމެއް ކުރެވޭ މީހެއްނޫން. އެންމެ ރަގަނޅު ގޮތަކީ 2023 ގެ ރިޔާސީ ރޭހުން މީނަ ފެއިލް ކޮށްލުން.

  2. ލެބަނަން

    މީނަ ދައްކާވާހަކަ ގަބޫލު ކުރާނީ ކާކު، ކައިރީ ތިބޭމީހުންވެސް ނުކުރޭ، އެކަމަކު އެމީހުންގެ އަމިއްލަ ފައިދާ އައް އާދެ އާދެ ކިޔައިގެން ހައްދައިގެން އުޅެނީ. ނިކަމެތި ރައްޔެތުން ވާވައްދަން އުޅެ މީހެއް.

  3. ލެބަނަން

    މީނަ ދައްކާވާހަކަ ގަބޫލު ކުރާނީ ކާކު، ކައިރީ ތިބޭމީހުންވެސް ނުކުރޭ، އެކަމަކު އެމީހުންގެ އަމިއްލަ ފައިދާ އައް އާދެ އާދެ ކިޔައިގެން ހައްދައިގެން އުޅެނީ. ނިކަމެތި ރައްޔެތުން ވާވައްދަން އުޅެ މީހެއް. ބަލަންހުރިގޮތް ބަލައިލަ.

  4. ނާޅި

    ރާއްޖޭގެ ޢިޤުތިސާދުގައި މިހާރު މޫލަމުންދާ ކެޕިޓަކިޒަމް ނިޒާމް ބަދަލް ކޮށްގެން ނޫނީ ފަރުދުންގެ އިޤުތިސާދު ރަގަޅެއްނުވާނެ އާމްދަނީ އިތުރެއްނުވާނެ، ކެޕިޓަލިޒަން މިނިޒާމްގެ ސަބަބުން ތަކެތީގެ އަގުއުފުލި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމީވެސް ހަޤީގަތެއް، ސިޔާސީ މީހުން ބޭރު ޤައުމުތަކުން ނެގި ބޮޑެތި ލޯނުގެ ސަބަބުން މިއަދު ރައްޔިތުން މިވަނީ އިދެޖެހިފައި އަގަޔާއި އަތާއި ދިމަނުވެފައި !