ނޭޕާލްގައި ބުދުދީނަށް އަޅުކަންކުރާ މީހުންގެ އަޅުކަމެއްގައި އެ ގައުމުގެ ގައުމީ ފުޓުބޯޅަ ޓީމުގެ މުސްލިމް ކޯޗު ކުވެއިތުގެ އަބްދުﷲ އަލްމުތައިރީ ބައިވެރިވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިއީ މިރޭ މާލޭގައި ކުޅޭ ފައިނަލް މެޗުގެކުރިން ބަނޑޮހުގައި މިވަގުތު ތިބި ނޭޕާލް ގައުމީ ފުޓުބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަމާޒުކޮށް ބޭއްވި ކަމެކެވެ.

ނޭޕާލް ޓީމުގެ މި އަޅުކަމަކީ ފައިނަލުގެ ކުރިން ނަސީބު އަދި ކާމިޔާބީ ހޯދުމަށް ކަމަށްބުނެ ކުރި ކަމެކެވެ. ނަމަވެސް އެ ޓީމުގެ މުސްލިމް ކޯޗު މިކަމުގައި ބައިވެރިވުމުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ނޭޕާލަށްވުރެ ބޮޑަށް އޭނާ ނިސްބަތްވާ ކުވެއިތުންނެވެ.

ބަނޑޮހުގައި ތިބި ނޭޕާާލް ޓީމުން ފައިނަލުގެ ކުރިން ބޭއްވި އަޅުކަމެއްގައި ކޯޗު ބައިވެރިވަނީ-- ފޮޓޯ: ނޭޕާލް ފުޓުބޯޅަ އެސޯސިއޭޝަން

ކުވެއިތުގެ ރައްޔިތުން ވަނީ މީސްމީޑިއާގައި ކޯޗުގެ މި އަމަލާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެ ގައުމުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށްވެސް ވަނީ އެދިފައެވެ.

ނޭޕާލްގެ ކޯޗު ވަނީ ފައިނަލް މެޗަށްފަހު ޓީމުގެ ކޯޗުކަމުން ވަކިވާނެކަން ހާމަކޮށްފައެވެ. އެއީ އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ. "ވަގުތު" އަށް މައުލޫމާތުދެމުން ނޭޕާލުގެ ނޫސްވެރިން ބުނީ މީސްމީޑިއާގައި މީހުން ކޯޗާއި ދެކޮޅަށް ކުރާ ކޮމެންޓުތަކާއި ގުޅިގެން ވަކިވަކިން އެ ނޫސްވެރިންނަށް ގުޅާ ފާޑުކިޔާ ކަމަށެވެ.

އެންމެފަހުން ބަންގްލަދޭޝް މެޗަށްފަހު ނޫސްވެރިންނާއި ބައްދަލުކުރަމުން ކޯޗު ބުނީ ނޭޕާލްގެ މީޑިއާތަކުން ކޯޗާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ފަތުރާ ކަމަށެވެ.

ބަންގްލަދޭޝް އާއި އެއްވަރުގެ ނޭޕާލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ނޭޕާލް ދިއުމުން ކޯޗު އަބްދުﷲ އަލްމުތައިރީ ވަނީ މިއީ ﷲ އޭނާއަށް ދެއްވި ބޮޑު އުފާވެރިކަމެއް ކަމަށް ބުނެފައެވެ. އަދި މިއީ އޭނާގެ ދުޝްމިނުުންނަށް ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި ވެސް ވަނީ ސިފަކޮށްފައެވެ.

ނޭޕާލްގެ ކޯޗުކަމާއި އަބްދުﷲ އަލްމުތައިރީ ހަވާލުވެފައިވަނީ މީގެ ހަތްމަސްދުވަސް ކުރިން ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކަށެވެ.

މުބާރާތުގެ ފައިނަލުގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 20:00 ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝަރަފިއްޔާ

    މިފަހަރު ތިކުރެވުނީ ﷲ ނުރުއްސަވާ ކަމެއެްކަން ނޭނގުނީބާ // މުސްލިމުންނަށް ޤައިރުދީންތަކުގެ އަޅުކަންތަކުގައި ބައިވުމެއް ނެތް //

    45
    3
    • ނަައިވީން

      އެއީ އަޅުކަމެއް ނޫން އެކަމު ވެސް މުސްލިމުންނަށަ ބައިވެރިއެއް ނުވެވޭނެ ޢައިރުދީނެއްގެ އާދަކާދައިގަ ހިމެނޭ އެޒާތުގެ އިޙްތިރާމުއަދާކުރުމަށް ކުރާކަމެއްގަ ވެސް.. ގިނަ ދިވެހިން ހާދަ ބަރާބަރޭ އަސްލު ނޫން އެހެން މުސްލިމުން އަޅާވެސް ނުލާ މިހާރު މިޒާތުގެ ކަންކަމާ..

  2. ވަނދު ބަނބުކެޔޮ

    ތިއީ ތެދެއް ކަމުގަވާނަމަ ތިކަން ބަލައެއް ނުގަނެވޭނެ..އަދި މޫނުގަ ތިކިވެސް ޖަހައިގެން...ހަޤީޤީ މުސްލިމެއްނަމަ ތިފަދަ ކަންކަމާއި ދެކޮޅުހަދާ ތިކަންކަމުން މަނާވެގަތުމުގެ ގަޓު ހުންނާނެ..

    44
    4
  3. އެންމެބޮޑު2ތަގުވާވެރިންނަށް

    ކޮބާ އަލީރަމީޒާ އިޔާޒުމިކަމަށް ޓްވީޓެއްކޮށްލަންވާނެއެއްނު

    5
    10
  4. Anonymous

    މުރުތައްދުވެ ކާފަރުވީ.

    5
    4
  5. Anonymous

    ނަން މުސްލިމީ އަމަލުން މުޝްރިކުން

    11
    3
  6. ދަރަނި ދަންތުރަ

    މިއީ ދެވަނަ ކާޕެޓު ސާހިދު ބާ ؟

    19
    5
  7. ހާމިދު ޝާޙިދު

    އޭނާ ދީން ބަދަލު ކުރީކީ ނޫން. ދެން ކޮބާ މައްސަލައަކީ. އެމީހުން ވަރަށް އުފާވާނެ އެގޮތައް ނިއްކުރީގައި ކުލަގަނޑު އުނގުޅާލީމާ. އެކަމަކު މުސްލިމުންގެ ހިތެއް ނާތުލެވޭނެ. މިއީ މާބޮޑު މައްސަލައެއްނޫން.

    1
    2
  8. އޭއާރު

    ދިވެހިންގެ ވިސްނުން. މިފަހަރު ގައުމީޓީމައް ނާކާމިޔަަބުވީ މަހުލޫފް މިއުޒިކު ޝޯ ބާވަން އުޅުނީމަ.