ބ. ކުޑަރިކިލުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރުން ފަށައި، މި ވަގުތު އެ ރަށުގެ މުޖުތަމައު ތެރޭގައި އެ ބަލި އޮތް ކަމަށް ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާނު އައްބާސް ވިދާޅުވެއްޖެއެވެ.

ކުޑަރިކިލު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ހަންނާނު ވިދާޅުވީ އިއްޔެ ނެގި 63 ސުންކުގެ ތެރެއިން 11 ސުންކެއް ފައްސިވެފައިވާ ކަމަށެވެ. އެއާއިއެކު އެ ރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 20 އަށް އަރާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ނުލިބެނީ 28 ސުންކެއްގެ ނަތީއްޖާއެވެ.

ފައްސިވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހަކާއި ފަސް ބިދޭސީއަކުވެސް ހިމެނޭ ކަމަށް ހަންނާނު ވިދާޅުވިއެވެ. ފައްސިވި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅެވެ.

އެ މީހުންނާ ހަމަޔަށް ބަލި ފޯރީ ކިހިނެއް ކަމަށް ސީދާ ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ. އެކަމަކު މުޖުތަމައު ތެރޭގައި ބަލި އޮތުމުން ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތްދަނީ ވަރަށް ހަލުވިކަމާއެކު ކުރެވޭކަން ހަންނާނު ފާހަގަކުރެއްވިއެވެ.

އިއްޔެ މުޅި ރާއްޖެއިން ފައްސިވި 45 މީހުންނާއެކު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 85،977 އަށް އަރާފައެވެ.