2013 ވަނަ އަހަރު ކަނޑުމަތީގައި ހިނގާދިޔަ އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި، ލޯންޗް ދުއްވަން އިން މިހާ ޖެހިޖެހިގެން ދެ މަސް ދުވަސް ވަންދެން ރޯދަ ހިފުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު ވަން އެންޑް އޮންލީ ރީތި ރަށުން ފުރައިގެން ދަތުރު ކުރަމުންދިޔަ އެ ލޯންޗް އާރަށް ކައިރިން ތެޔޮ ބާޖެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ކަނޑަށް ވެއްޓި ނިޔާވެފައި ވަނީ ކުޅުދުއްފުށީ މީހެކެވެ. އެވަގުތު ލޯންޗް ދުއްވަން އިނީ މުހައްމަދު އަރީފް ކިޔާ މާލެ މީހެކެވެ.

މި މައްސަލައިގައި އަރީފްގެ މައްޗަށްކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. އެ ދައުވާއަށް އޭނާ އިންކާރު ކުރެއެވެ. ނަމަވެސް ދައުވާގައި ބަޔާން ކުރާ އެކްސިޑެންޓް ހިނގި ކަމަށް އިގްރާރް ވެއެވެ.

އަދި އެ މީހާ ކަނޑަށް ވެއްޓިފައި ވަނީ ވަރުބަލިކަމުގައި މަސައްކަތް ކުރުމަށް އެއްބަސްވެ، ލޯންޗް ޑްރައިވަރެއްގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ޒިންމާއަށް (ފަރުވާތެރިކަމާއެކު އެހެން އުޅަނދުތަކަށް ދަތިނުވާ ގޮތަށް ބަލައިގެން ދުއްވުން)އޭނާގެ އިހުމާލުން ކަމަށް ޝަރީއަތަށް ސާބިތުވެފއި ވެއެވެ.

އަދި މި ހާދިސާގައި ނިޔާވި މީހާގެ އާއިލާއިން ގިސާސް ހިފަން ބޭނުން ނުވާ ކަމާއި، މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން އަރީފްގެ މައްޗަށް ވަނީ ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ހިފުމަށް ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު