މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލު ތިން ވަނަ ފަހަރަށް ދަންމާލައިފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ. ނަމަވެސް ދެންމެ މެޓް އިން ނެރުނު ސަމާލުގައި ވަނީ ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މެޓް އިން ފަހުން ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 20:30އާ އަށެވެ. އެ ސަމާލުގެ މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް ދެންމެވެސް ރީނދޫ ސަމާލެއް ވަނީ ނެރެފައެވެ. ފަހުން ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 12:39 އަށެވެ.

ފަހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާއްމު ގޮތެއްގައި 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު ރާއްޖޭގެ ކަނޑުތައް ވެސް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށެވެ.

ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ. ދިޔަވަރު ބޮޑުވާ ވަގުތު އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެ އަށް ވިއްސާރަ ކުރާނެއެވެ.