މާލެއިން ފުރައިގެން ވ. އަތޮޅަށް ދިޔަ ލޯންޗުން ގެއްލުނު ކުއްޖާ އަދިވެސް ނުފެންނަ ކަމަށާއި ކުއްޖާ ފެނިއްޖެނަމަ އަންގައި ދިނުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާގައި ލޯންޗުން ކަނޑަށް ވެއްޓުނީ ތިން މީހުން ކަމަށާއި އޭގ ތެރެއިން ދެ މީހަކު ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް ފެނުނު ދެ މީހުންގެ ތެރޭގައި ހިމެނޭ ގެއްލުނު ކުއްޖާގެ މަންމަ މިހާރު ވަނީ ނިޔާވެފައެވެ.

މި ހާދިސާގައި ހޯދަމުން އަންނަނީ ހަތަރު އަހަރުގެ ކުއްޖެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެކުއްޖާ އަދިވެސް ނުފެންނަ ކަމަށާއި އާއިލާ އާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ކުރަމުންދާ ކަމަށެވެ.

އަދި ކުއްޖާ ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް މައުލޫމާތު ލިބޭ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލު ބޭރުން ކަމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޝިޕު، ޝަހީދު އަލީ އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

"މިކުއްޖާއާއި ބެހޭ އެއްވެސް ހަބަރެއް މި ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރުންނާއި މިހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް" އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކުއްޖާއާއި ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅައި ނުވަތަ 3391665 އަށް ފެކްސް ކޮށް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.