ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްގަފޫރުއާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފިއެވެ.

ފައްތާހުގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމި މައްސަލަ އަކީ ބަންދުގެ މުއްދަތާ މެދު ގޮތް ނިންމުމުގައި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލަަ ބަލަން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހު އެވެ.

އެމައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން އާއްމު އުސޫލުން ސުލޫކީ މައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއްވެސް އެކުލަވައިލިއެވެ.

މިއަދު ޖޭއެސްސީން ބުނީ ފައްތާގު އާއި ގުޅޭ ގޮތުން ތަހުގީގުކުރި މައްސަލަ ސާބިތުނުވާ ކަމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 74 ވަނަ ބައްދަލުވުމުގައި ކޮމިޓީގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީ އިން ބައެއް މައްސަލަތަކުގައި ވަރަށް އަވަހަށް ގޮތެއް ނިންމި ނަމަވެސް ބައެއް މައްސަލަތައް ވަރަށް ބޮޑަށް ދިގުލައިގެން ދެއެވެ. މެޖިސްޓްރޭޓް ފައްތާހުގެ މައްސަލަ ވެސް މިނިންމީ ޖޭއެސްސީ އަށް ހުށަހެޅިތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު