ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށް ގާނޫނީ ގޮތުން ހޭލުންތެރިކުރުވުމަށާއި އަދި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ގާނޫނީ ވަކީލް މަރިޔަމް ޝުނާނާގެ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިން "މައިގްރަންޓްސް މެޓާ" ގެ ނަމުގައި ކެމްޕެއިނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާއިރު ލޯންޗުކުރާ އެ ކެމްޕޭނުގައި މީސްމީޑިއާ މެދުވެރިކޮށް، ބިދޭސީންގެ އިތުރުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދޭނެއެވެ.

އޭޝިޔާ ފައުންޑޭޝަންގެ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓްގެ ދަށުން ޕީއައިއެލްސީން ކުރިއަށް ގެންދާ "ލޭބާ މައިގްރޭޝަން އިން މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ހިންގޭ އެ ކެމްޕޭނުގައި ބިދޭސީންނަށް އަމާޒުކޮށް ފޯރުކޮށްދެވޭ މައުލޫމާތުތައް އެމީހުންނަށް ފަހުމްވާނެ ގޮތަށް، ގިނަ އަދަދެއްގެ ބިދޭސީން ނިސްބަތްވާ ތިން ގައުމެއްގެ މާދަރީބަހުންނާއި އިނގިރޭސި ބަހުން މައުލޫމާތު ހިއްސާކުރެވި މީސްމީޑިއާގައި އާންމުކުރެވެމުން ދާނެ ކަމަށް ޕީއައިއެލްސީން މައުލޫމާތުދެއެވެ.

ބިދޭސީންތަކެއް މާލޭގެ މަގުމަތިން ހިނގާފައި ދަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ޕީއައިއެލްސީން ބުނީ އެއް އަހަރު ދުވަހަށް ދެމިގެންދާ މިކެމްޕޭނުގައި އިސްކަންދެވޭނީ، ބިދޭސީންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކާއި، ދިރިއުޅުމުގައި އަދި މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް، އިންސާނީ ވަގުފާރި އަދި ލޭބާ ވައޮލޭޝަންސްއާ ގުޅޭ މައުލޫމާތު ހިއްސާކޮށްދޭނެ ކަމަށެވެ.

ކެމްޕޭނުގެ ދަށުން ހިލޭސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލީގަލް އެއިޑް ކޭމްޕްތަކެއް ރާއްޖޭގެ ފަސް ރަށެއްގައި ހިންގަން، އެ ލޯފާމުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ޕީއައިއެލްސީން މިދިޔަ އަހަރު ހިންގި މޯބައިލް އެއިޑް ކްލިނިކްގައި، ޝުނާނާ މައުލޫމާތު ދެއްވަނީ

ރާއްޖޭގައި ބޮޑު އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި އެއާ ގުޅޭ ހައްލުތައް ފާހަގަކޮށް، އެކްޝަން ޕްލޭނެއް މިޕްރޮގްރާމްގެ ދަށުން ތައްޔާރުކުރުމަށް ރޭވިފައިވެއެވެ.

ޕީއައިއެލްސީގެ އަމާޒަކީ އެ ޕްރޮޖެކުޓުގެ ފަރާތުން އެއްކުރެވޭ މައުލޫމާތުތައް ބިދޭސީ މަސައްކަތްތެރިންނާއި ގުޅުންހުރި ކަންކަން ހައްލުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތަށް އެހީއެއްގެ ގޮތުގައިވެގެން ދިޔުމެވެ.

ރާއްޖޭގައި މިހާރު 234،000 ބިދޭސީން މަސައްކަތްތެރީންގެ ގޮތުގައި ދިރިއުޅެމުން އެބަދެއެވެ. ބިދޭސީންގެ ހައްގުގައި ދިވެހިންނާއި ބިދޭސީން މީސްމީޑިއާގައި ވަކާލާތުކުރަމުންދާއިރު، ޕީއެލްއައިސީގެ މިޕްރޮޖެކްޓަކީ، އިންސާނީ ވަގުވިޔަފާރީ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށާއި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް ދާއިމީ ހައްލަކަށް ދިއުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގުޑްވޯކް

    ވަރަށް މުހިންމު މަސައްކަތެއް އެއްބަސްވުމެއް ނެތި މަސައްކަތް ކުރުމާއި މުސާރަ ނުދީ ލަސްކޮށް ދޮގުހަދައިގެން މަސައްކަތް ކުރުވާ ބަނގުލަދޭޝް މީހުން އެކްސްޕުލޮއިޓްކުރުން ހުއްޓުވަން ކުރެވިދާނެ ވަރަށް ރަނގަޅު ކަމެއް ކަމަނާގެ މަސައްކަތުގައި ބަރަކާތް ލައްވާށި އާމީން

  2. ސަނީ

    ނުޖެހޭނެ ތިޖަން ކުރާކަށް! ހަމަ ބޭކާރު ކަމެއް. ކުރާނެ ކަމެއް ނޭގިގެން އުޅެންޔާ މަންޒަރު ދައްކަން ތިކަން އޯކޭ. އެހެން ނޫނަސް އެމީހުނަށް ނޭގިގެނެއް ވެސް ނޫން. ކަމަކާ ދިމާވާއިރު ދިވެހިވެސް ނޭގޭ އެމީހުނަށް.

  3. ޏަވިޔަނި

    ޢެއްޗެކޭ ކޮޔާފަ ދަތުރުރު ކޮށް މަޖާނަގާ ލަރިގަނޑެއް ދިރުވާލަން ތި އުޅެނީ ދޯ؟؟