އަހުލާގެ ނުހިފޭއްޓިއްޖެނަމަ، ތައުލީމީ ދަތުރުގެ ކާމިޔާބީގެ ފޮނިމީރުކަން ކުޑަވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިމިވަނީ ގައުމީ ޔުނިވާސިޓީގެ ދަސްވެނިމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެެ.

ދަސްވެނީންނަށް މިނިސްޓަރު ދެއްވި ނަސޭހަތަކީ ތައުލީމާއި ތަމްރީނު ފޯރުކޮށްދެވޭ ނިޒާމަށް ބަލާއިރު މާޒީގެ ދުވަސްތަކާއި މިއަދާއި ބޮޑު ތަފާތެއް އައިސްފައިވާކަމެވެ.

"ތައުލީމާއި ތަމްރީނު އޮންލައިންކޮށް ދިނުން މިދަނީ އާންމު ކަމަކަށް ވަމުން. އޮންލައިންކޮށް ތައުލީމު ހާސިލުކުރާއިރު، ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރަންޖެހޭ" އިބްރާހިމް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ދުވަހަކު ވެސް މުހިއްމުނުވާ ވަރަށް ކިޔެވުމުގެ އަހުލާގު ވެސް މުހިއްމުވެއްޖެއެވެ. ވަޒީފާދޭ ފަރާތްތަކުން ވެސް ކިޔާވަ ނިންމާ ދަރިވަރުންގެ އަހުލާގު އެކި ގޮތްގޮތަށް ވަޒަންކުރާއިރު، އެއީ ކިހާ މުހިއްމުކަމެއްކަން ވިސްނުމުގައި ބެހެއްޓުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

"އަހުލާ ނުހިފޭއްޓިއްޖެނަމަ، ތިމާގެ ތައުލީމީ ދަތުރުގެ ކާމިޔާބީގެ ފޮނިމީރުކަން ކުޑަވާނެ. ވަޒީފާގެ މައިދާނުގައި ތިމާއަށް ލިބެންޖެހޭ ހައްގު އިހުތިރާމް ހޯދަން އުދަގޫވާނެ" ވިދާޅުވިއެވެ.

ތައުލީމު ހާސިލުކުރި ދާއިރާއިން ކުރެވޭ އިލްމީ ދިރާސާތަކާއި، އެ އިލްމު ބޭނުންކޮށްގެން ދުނިޔޭގެ ކަންކޮޅުތަކުގައި އެކި މުޖުތަމައުތަކުން ހޯދާ އިލްމީ، އިގުތިސާދީ އަދި އުމްރާނީ ކުރިއެރުންތަކަކީ ކޮބައިތޯ ބެލުމަކީ ވެސް މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޔުނިވާސިޓީއާއި ދުރަށް ދިޔަނަމަވެސް، ނުވަތަ ޢިލްމިގޮތުން އިތުރަށް ކުރިޔަށް ދިޔުމަށްޓަކައި، ޔުނިވަސިޓިގެ ފުރާޅުގެ ހިޔަލުގައި މަޑުކުރަން ނިންމިނަމަވެސް. ތިޔަހުރިހާ ދަސްވެނީންނަށްވެސް ކުރެވިދާނެ މުހިންމު ޢިލްމީ މަސައްކަތެއް އެބައޮތް"

މި ސަރުކާރުން ރައްޔިތުންނަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެވޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތައް ދުވަހުން ދުވަހަށްދާނީ އިތުރުވަމުން ފުޅާވަމުން ކަމަށެވެ.

ރާއްޖެއަށް އެންމެބޮޑަށް ބޭނުންވެފައިވާ ދާއިރާތަކުން މީހުންބިނާ ކުރުމަށް ދެވޭ ސަމާލުކަން މުސްތަގުބަލުގައި އިތުރުވާނެ ކަމާއި، އަދި އެ މަގުސަދު ހާސިލު ކުރުމަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ވެގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުނި

    މޮޅު ވާހަކަ ނުދައްކާ. ބޮޑާ މީހެއް

  2. ސުހޭލް

    މީ ވަރަށް ޤާބިލް ވަރަށް ރަނގަޅު މިނިސްޓަރއެއް

  3. ޅިންކ

    ކުދިންނަށް އަޚްލާގް ކިޔަވައިދީފައި އެ ހިފަހައްޓަން އެދިބަލަ