ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު އާއްމު ކޮށްފިއެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި 10 މީހަކު ހައްޔަރު ކުރިއެވެ. އެހެން ނަމަވެސް ދެ މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ)، ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ޙަބީބު (25އ)، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު (34އ)، ލ. ކަލައިދޫ، ހދ. ކުމުންދޫ ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ)، ދ. ބަނޑިދޫ ޕޮލަރިސް، މުޙައްމަދު ޙުސައިން (61އ)، ބަނގްލަދޭޝް، އެމްޑީ ރަފީޤުލް އިސްލާމް (35އ)، ބަނގްލަދޭޝް، ޑީއެމް މޮބިން (24އ)ގެ އިތުރުން ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ކަމަށެވެ.

މީގެ ތެރެއިން ޖުމާން އާއި ޖުމާން އަދި މުޙައްމަދު އަޙްމަދު 10 ދުވަހަށް ބަންދު ކޮށްފައިވާއިރު، ސިނާނު، މުޙައްމަދު ޙުސައިން، އެމްޑީ ރަފީޤުލް އިސްލާމް އަދި ޑީއެމް މޮބިން 15 ދުވަހަށް ބަންދު ކޮށް، މިދުހަތުގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

ފުލުހުން ބުނީ، މި 8 މީހުންގެ އިތުރުން ދެން ތުހުމަތުގައި ގެނައި ދެ މީހަކު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެދިފައިވާ ކަމަށެވެ. އަދި ދޫކޮށްލާފައިވާ ދެމީހުންނަކީ މަސްތުވާތަކެތި ރާޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އެހީތެރިކަން ލިބިގެންގޮސްފައިވާކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފާހަގަ ކުރެއެވެ.

މި އޮޕަރޭޝަނުގެ އިތުރުން ދާދި ފަހުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައި ދެމީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ޗޮކުންދިޔަ ފެރީގެ ދެދަތުރުން ލިބުނު ނަފާ.

  2. ހާދީ

    މުގުލުގަ ތިބީ ކޮންބައެއްބާ

  3. މުޙައްމަދު

    މާދަމާ ޚަބަރަށް އަންނާނީ ކުށް ސާބިތުނުވެގެން އެންމެން ދޫކޮށްލިވާހަކަ. އާކަމެއްނޫން

  4. އައް ނާއިބު

    އަދިވެސް އަޑަށް ބާރުލާފަ އި ބުނަމެވެ. ޓީބީ ޖެހިފަ އިވާ މީހަކަށް އަރިދަފުސް ރޯގާ ދީގެނެ އް ނުކަތާނެ އެވެ.
    މަސްތުވާތަކެތި އެތެރެކޮށް ، އޭގެ ވިޔަފާރިކޮށް، އޭގެ ބޭނުންކުރާ މީހުންނަށް މަރުގެ އަދަބުދީގެން މެނުވީ މިކަމެ އް ނުހު އްޓޭނެ އެވެ.ދުނިޔޭގެ އެންމެ ތަހުޒީބު، އެބުނާ މިނިވަންކަމޭ ޑިމޮކްރަސީ އޭ ކިޔުނު ސީތަކުގަ އި ވެސް މިކަން ނުހު އްޓިގެން އުޅެނީ ހަމަ ފެށުމުގަ އި ވެސް އަޅުގަނޑު ޖެހި މިސާލުގެ މަގުން މިކަމުގަ އި ކުރިޔަށްދާތީ އެވެ.

  5. ހިޔާލު

    ވަނަވަރު ހާމަކުރެވުނީމަ ތިޔޮތީ ކުށަށް އެންމެ އެކަށޭނަ އަދަބުދެވިފަ ، ދެން ބުނޭ ސާބިތެއްނުވޭ، ދެން އަނެއްކާވެސް އެހެންފަހަރަކަށް ދޫކޮށްލާ ...

  6. ހުސޭނުބޭ

    ދެން ފެންނާނީ ދޫކޮށްލިތަން. އެކަމަކު ރިހާކުރުފުޅި ވަގަށްނެގި ސޮރު ވިއްޔާ އޮންނާނީ އިދިފުށަށް ހަންދަމާފައި!