އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީގެ މަގާމުން ހަސީބް އިސްމާއިލް ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކޮށްފައި މި ވަނީ ސިވިލް ސާވިސް އިން ބަލަމުން ދިޔަ މައްސަލައެއްގައި، ސަސްޕެންޝަންގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު ހަސީބް، މަގާމުން ވަކިކުރިކަން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ވަގުތު"އަށް ޔަގީންކޮށް ދެއްވައިފައެވެ.

އިސްލާމިކް މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތައް ހިންގުމުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރައްވާ ހަބީބް ވަނީ މަޖިލީހަށް ސިޓީއެއްވެސް ފޮނުވާފައެވެ.

އެ ސިޓީއާ ގުޅޭ ގޮތުން މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވީ ޕީއެސްއާ ދެމެދު މައްސަލަ ދިމާވާން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަގައި ދިމާވި ކަންތައްތަކެވެ. ޒާހިރު ވަނީ ބައެއް މައްސަލަތަކުގެ ތަފްސީލުތައް ކޮމިޓީއާވެސް ހިއްސާކުރައްވާފައެވެ.

"މުވައްޒަފުންނަށް ބިރު ދެއްކި ކަމުގެ ތުހުމަތު"

ޒާހިރު ވިދާޅުވި ގޮތުގައި ޕީއެސް، މުވައްޒިފުންނާ މުއާމާލަތު ކުރާ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ލިބެމުން ދިޔަ ކަމަށެވެ. އަދި ބައެއް މުވައްޒަފުންނަށް ބިރު ދައްކާފައިވާ ކަމުގެ ތުހުމަތުވެސް ޒާހިރު ކުރެއްވިއެވެ.

"ބައެއް މުވައްޒަފުން އެމީހުންގެ ފިރިން ވަޒީފައިން ވަކިވާން އަންގާ. އަދި އެ ކުދިން ބައެއް މުވައްޒަފުން ކައިރި ރޮއެފައި ވެސް އެބަހުރި. ތިމަންނަ އަކީ ޕީއެސްކަމަށް، ތިމަންނަ ބޭނުންވެއްޖެ ކޮންމެ އިރެއްގައި ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކާ އެ ކުދިން މައްސަލަ ގެނެސްފައި އެބައޮތް" ޒާހިރު ތަފްސީލު ދެއްވިއެވެ.

މި ފަހުން އިތުރު އަންހެން މުވައްޒަފުންތަކަކަށް ވަޒީފާއިން ބިރުދެއްކި މައްސަލަތަކެއް ހުށަހެޅުނު ކަމަށް ޒާހިރު ވިދާޅުވިއެވެ. ބާރު އޮތްކަން އެންގުމަށް އެ މުވައްޒަފުންގެ އުމުރު އޮޅުން ފިލުވައި އެ މީހުންނަށް ތަކުރާރުކޮށް އިންޒާރުތަކެއް ދިން ކަމުގެ ވާހަކަތަކެއްވެސް އޭނާ ފެންމަތި ކުރުވިއެވެ.

ތަކުރާރުކޮށް ނަސޭހަތް ދިނިން، މަޖުބޫރެއް ނުކުރުވަން

ޒާހިރު ވިދާޅުވީ، އެ މައްސަލަތައް ފާހަގަވާން ފެށުމުން މަސައްކަތް ކުރެއްވީ އެކަން ހައްލުކޮށް ޕީއެސް އިސްލާހު ކުރުމަށް ކަމަށެވެ. ޕީއެސްއާ ވަކިން ބައްދަލުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށް ވިދާޅުވިއެވެ. ޒާހިރު އެދިވަޑައިގެންނެވީ ޕީއެސްއާ އެކު ކުރިއަށްދާން ބޭނުންވާ ކަމާއި، އެއްބާރުލުން ދެއްވުމަށެވެ. އޭގެ ފަހުން ދެވަނަ ފަހަރުވެސް ނަސޭހަތް ދިނުމުން ޕީއެސް އެކަމާއި ހިތްހަމަ ޖެހިވަޑައި ނުގެންނެވި ކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ސިޔާސީ ބޭފުޅުންނާ ބައިތިއްބައިގެންވެސް ނަސޭހަތްތެރިވި ކަމަށެވެ.

"ޕީއެސް ވަރަށް ރުޅިއައިސް ރައްދު ދޭން ފަށައި، ވާހަކަ ކުރިއަށް ނުގެންދެވޭ ވަރުވީމަ އަޅުގަނޑު ދެންނެވިން ޕީއެސްއޭ ދެ ފަރާތުން މިހެން ވާހަކަ ދެއްކިޔަސް ހައްލެއް ނުވާނެޔޭ" ޒާހިރު ވިދާޅުވިއެވެ.

ސީއެސްސީއަށް މައްސަލަ ހުށަހެޅީ ނަސޭހަތް ދިނުމުން އިސްލާހު ނުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޕީއެސް ބޭނުމެއް ނުވެ ހުރި ކަންތައް ރަގަޅު ކުރަން. އެންމެ ރަނގަޅު ގޮތަކޯ އިސްތިއުފާ ދެއްވުމޭ ދެންނެވިން އެކަމަކު މަޖުބޫރެއް ނުކުރުވަން" ޒާހިރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ިީނނނ

    ކޮބައިތޯ ވަކިކުރެއްވި.މުވައްޒަފުންގެ ހައްޤު

  2. މަރީ

    ޕީއެސް އަކީ ވަރަށް ރަގަޅު މީހެއް
    މިނިސްޓަރ އަސްލު ގޯހީ

    2
    1
  3. އިއްސެ

    މާލަސްވެއްޖެ ތިކަން ކުރުން . ކޮސް އަނގަތަޅަމުން ސަރުކާރު ބަދު ނާމު ކުރަމުން ތަންތަނުގައި ދުވާ މީހެއް! ނިލަންދޫގައި ގިނަ ވާނީ ދޮގުހަދަމުން ދުވާ މީހުން. އެކިއެކި މަޤާމް ތަކުގައި ވަރަށް ދޮގުހަދާއަމިއްލަ އެދުން ބޮޑު ބަޔެއް އުޅޭ ރަށެއް!

    2
    3