ފިލްމް ފޯ ޗޭންޖުގެ ކްލައިމެޓް އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ފިލްމް ފޯ ޗޭންޖްގެ ކްލައިމެޓް އެޑިޝަނަކީ ޔޫ.އެން.ޑީ.ޕީ ރާއްޖެ އާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަޤްސަދަކީ ޒުވާނުން ބާރުވެރިކުރުވާ ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި މެދު ވިސްނާ އެކަމާއި ގުޅިގެން ދިމާވާ މައްސަލަތައް ފިލްމްގެ ޒަރިއްޔާއިން ހާމަކޮށްދިނުމެވެ.

ޔޫއެންޑީޕީން ބުނީ، މީގެ ސަބަބުން ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމްންޓަރީ-ސްޓައިލް ފިލްމް ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތަކާއި އުކުޅުތައް ދަސްވެގެންދާނެ ކަމަށެވެ.

މި ޕްރޮޖެކްޓްގައި ހިމެނޭނީ ތަމްރީން ބަޔަކާއި ޕޯސްޓް-ޕްރޮޑަކްޝަން ބައެއް ކަމަށާއި ކޮންމެ ބައެއް ވެސް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ކަމަށް ޔޫއެންޑީޕީން ވަނީ ބުނެފައެވެ. އަދި މި ޕްރޮޖެކްޓް ނިމިގެން ދާއިރު ބައިވެރިން ގްރޫޕްތަކަށް ބަހާލެވި މި އަހަރުގެ ޝިޔާރަށް (ތިމާވެއްޓަށް އަންނަ ބަދަލުތައް) 5 ކުރު ފިލްމް ތައްޔާރުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

"މިއީ އ.ދ.ގެ 13 ވަނަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއާއި ގުޅުވައިގެން އެކުލެވިފައިވާ ޝިޔާރެއް. ބައިވެރިންގެ ފިލްމްތައް ދެން އެކި ސޯޝަލް މީޑިއާ އަދި ޕަބްލިކް ޕްލެޓްފޯމް ތަކުގައި ދެއްކޭނެ. މީގެ އިތުރުން މި ފިލްމްތައް އެކިއެކި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ބެހޭ ޒުވާނުންގެ އެޑްވޮކަސީ މަންސިތަކުގައި ދެއްކުމުގެ ފުރުޞަތުވެސް ހުޅުވިގެންދާނެ" ޔޫއެންޑީޕީން ބުންޏެވެ.

ޔޫއެންޑީޕީން ބުނީ، މި ޕްރޮޖެކްޓްގައި 18 އަހަރުން މަތީގެ ހުރިހާ ދިވެހިންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެން ނަމަވެސް އިސްކަން ދެވޭނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ.

އޭގެ ތެރެއިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ހޮވާލެވޭނީ 30 ފަރާތެއް ކަމަށާއި މި ޕްރޮޖެކްޓްގައި އަންހެނުން ބައިވެރިވުމަށް އިތުރަށް އިލްތިމާސްކުރާ ކަމަށް ޔޫއެންޑީޕީން ވަނީ ބުނެފައެވެ.

"ބައިވެރިން ހޮވުމުގައި ބޮޑަށް ބަލާނީ ފިލްމް ހެދުމުގެ ތަޖުރިބާ މަދު ފަރާތްތަކަށް"

މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހެއެވެ. މި ޕްރޮޖެކްޓްގެ ތަމްރީނުތައް ބާއްވަނީ މި މަހުގެ ފަހު ހަފްތާގައެވެ.

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިލިންކުން ބައިވެރިވާ ފޯމު ހުށައެޅޭނެއެވެ.