މާލެ އިން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އޮޅުވެލި ކައިރިން އަރިއަޅާލައި ހިނގި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު ވަޅުލައިފިއެވެ.

ނާހިދާގެ ޖަނާޒާ ކުރިއަށްގެންގޮސްފައި ވަނީ އާސަހަރާގައެވެ. އޭނާގެ ހަށިގަނޑު ވަޅުލާފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

މާލެއިން އިއްޔެ ހަވީރު 16:00 ގައި ފުރި ލޯންޗަށް ދިޔަވެ ލޯންޗްގައި ތިބި މީހުންގެ ތެރެއިން ތިން މީހުން ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓު ކައިރިން އިއްޔެ ހަވީރު 17:00 ކަންހާއިރުއެވެ. އެހާދިސާގައި ނާހިދާ ނިޔާވިއިރު އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ގެއްލިފައެވެ. ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތަށް" ވިދާޅުވީ، ލޯންޗު އަރިއަޅާލައި ނާހިދާއާއި އޭނާގެ ދަރިފުޅު ވެއްޓުނީ އެމީހުން ކައިރީގައި ހުރި ސަތަރިގަނޑު ނެއްޓިގެންނެވެ.

ނާހިދާގެ ޖަނާޒާ މާލޭގައި ބޭއްވުމަށް އޭނާގެ ހަށިގަނޑު ކ. ގުރައިދޫ ސިއްހީ މަރުކަޒުގައި ބޭއްވުމަށްފަހު މާލެ ގެނެސްފައިވަނީ ކޯސްޓުގާޑުގެ އުޅަނދުގައި މިއަދު ހެނދުނު 7:30 އެހާކަންހާއިރުއެވެ.

ނާހިދާ އާއި އޭނާގެ ފިރިމީހާ އަދި ދެދަރިން އިއްޔެ މާލެ އިން ފުރީ ފިރިމީހާގެ ރަށަށް ޗުއްޓީއަކަށް ދިއުމަށެވެ.

މިއަދު ވެސް ރާއްޖޭގެ މޫސުން ގޯހެވެ. ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.