ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، ވައިގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ދުވެލި ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ހިފެހެއްޓުމަށް ވެސް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ސިނަމާލެ ބްރިޖް އަދި ލިންކް ރޯޑު ބޭނުން ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ބްރިޖް މަތިން ދަތުރު ކުރާ ފަރާތްތަކުގެ ތެރެއިން ބުރުގާ އަޅާ އަންހެން ފަރާތްތަކުން ވަޔާއި އެކު ބުރުގާ މޫނު މައްޗަށް ނުދާނެހެން ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި ވިއްސާރަ ކޯޓު ބޭނުން ކުރައްވާ ފަރާތްތަކުން ވަޔާއި އެކު ހަލާކުވެގެން ގޮސް އެހެން މީހުންގެ މޫނުމަތީގައި ނޭޅޭފަދަ ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުން ކުރަން ޖެހޭ ކަމަށެވެ.

މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން މޫސުމާއި ބޭހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް ބުނެފައެވެ. އަދި ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިރޭގެ 22:30 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެމްއެންޑީއެފުން ވެސް ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސްއިމިން ޕެރެންޓް

    ކިތަންމެ ވައިބާރަސް ވިސްސާރަ ވެހުނަސް ސްވިމިން މުބާރާއިފެށެނީޔޭކިޔާފަ ކުދިން މަޖުބޫރު ދާން ފުރަތަމަ ހުޅުމާލޭ ޕޫލް ބަންދުކުރަން ފެންނަނީ ޕޭރަންޓޮން ތަފާތުކުރުން ކޯޗްންގެބޮދުކަމުން އެއްޗެއްބުނަން ނުކެރެނީ ހަމަކަނި ޕޫލެއް ހުރީ ހުޅުމާލޭގަ