ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، އެސަރަހައްދުގެ އަމަން އަމާން ކަން ބެލެހެއްޓުމަށްޓަކައި ފުލުހުންގެ ޕޯސްޓެއް ވަރަށް އަވަހަށް ހުޅުވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ޕޯސްޓެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުލުހުންނަށް ޖާގަ ހަަމަޖައްސައިދީފައިވާ ކަމަށާއި ގިނަ ދުވަސްތަކެއްނުވެ އެސަރަހައްދުގައި ޕޯސްޓް ހުޅުވައި ހިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، އެތަނުގައި ބައެއް ކަހަލަ ހިދުމަތްތައް ނެތުމުގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެގޮތުން ފިހާރަތަކާއި ބަހުގެ ހިދުމަތުގެ އިތުރުން ސީސީޓީވޭ ކެމެރާތައް ނެތުމުގެ ޝަކުވާ މީގެ ކުރިން އެތަނަށް ބަދަލުވި ފަރާތްތަކުން ވަނީ ކޮށްފައެވެ.

އެފަރާތްތަކުގެ އެ ޝަކުވާތައް އަޑު އަހައި އެޗްޑީސީން ވަނީ އެކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ބައެއް މަސައްކަތްތައް ފައްޓާފައެވެ. އެގޮތުން މިހާރު އެސަރަހައްދުގައި މިސްކިތެއް ވެސް ވަނީ ހުޅުވާފައެވެ. އަދި ކިޔަވަން ދާ ކުދިންނަށް ފަސޭހަވާނެ ގޮތަށް ފްލެޓް ސަރަހައްދުގައި ދެ ސްކޫލެއް އެޅުމަށް ވެސް މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞާރި

    ޙާދަ އަވަހަށް؟؟؟ އަދި ނުވޭ ތިކަން ކުރަން

  2. ލޮލް

    ކީއްކުރަން ކުރާ ކަމެއް؟ އެތާގަވެސް މުއްސަނދިންގެ މިލްކިއްޔާތު ހުރީތަ ބޯކޮށް ހިމާޔަތްކުރަން؟

  3. ޙަސަން ދީ

    ތި ފުލުހުންނަށް ކޮން ކަމެއްތަ ކުރެވެނީ.. މާލޭން ގޭންގަކާ ހިޔާ ފްލެޓްތަކުގެ ސެކިޔުރިޓީ ހަވާލުކޮށްލަ ބަލަ..