ފާރިސް މައުމޫން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ނިރުބަވެރި ހަމަލެއް ހިންގަން އުޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސްލްކޮށްފި އެވެ.

ފާރިސް އަށް ނިރުބަވެރިކަމުގެ ދައުވާ ކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލައިގެ މިއަދު ހެނދުނު ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ، ފާރިސްގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އައިސް، މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ އެވެ.

އެ ދައުވާގައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ބައިވެރިވި ކަމަށާއި ކުރީގެ ސީޕީ އަރީފާ ގުޅިގެން ފުލުހުންތަކެއް މަގުތަކަށް ނެރެ ގައުމުގެ މަސްލަހަތު ނަގާލަން އުޅުނު ކަމަށާއި 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ.

ފާރިސް މި ދައުވާއަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ. އެގޮތުން ޖުމްލަ 32 ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި 17 ސިއްރު ހެކިވެރިޔަކާއި ސިއްރު ލިޔުންތަކެއް ހިމެނެ އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތީ ވެސް ދެ މައްސަލައެއްގެ އަޑުއެހުމެވެ. އެއީ ފާރިސް މައްސަލާގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްސަލަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗިޓް ފޮނުވައި އަދި ޝަރީޢަތް ކެންސަލް ކުރުން މިއީ މިހާރު އާންމު ކަމެއް، ބިރު ހީވެގެން ކުރިއަށް ގެންދަން ނުކެރެނީ ކަމުގައި ހާދަ ހީވޭ،