ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބާރު މި ވަގުތު އެއްވެސް ބަޔަކަށް ނެތް ކަމަށާއި އެ ބާރު ރައްޔިތުންގެ މަޖިލިސް އަށް ވެސް ނެތް ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަކުރެވޭނީ ގާނޫން އަސާސީ ވެސް ބަދަލުކޮއްގެން ކަމަށާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްވެސް ދާންޖެހޭނެ ކަމަށެވެ.

" ގާނޫނު އަސާސީގައި އެބަބުނޭ ރާއްޖޭގައި އޮންނަންވާނީ ޔުނިޓަރީ ދައުލަތެކޭ, ރިޔާސީ ނިޒާމެކޭ, އެކަމަކު ގާނޫން އަސާސީ ބަދަލުކުރުމުގެ ބާރު އެއްވެސް ބަޔަކަށް މިވަގުތަކު ނެތް , އަޅުގަނޑުމެންގެ ވެސް އެބާރެއް ނެތް ގާނޫން އަސާސީ އަށް ބަދަލު ގެންނަން 65 މެންބަރުންގެ ވޯޓް އެބަ ބޭނުންވޭ އެ ކޮންތާކުންތޯ ހޯދާނީ " އާރިފު ވިދާޅުވިއެވެ.

އަލީ އާރިފު އިތުރަށް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަކު ކުރަން އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް މައްސަކަތް ކުރަނީ ރާއްޖެ ހަލަބޮލި ކުރާނެ ގޮތެއް ހޯދައިގެން އެމަގަށް މައްސަކަތް ކުރަން ކަމަށެވެ.

" އެބޭފުޅުން ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ވާހަކަ އެދައްކަނީ އަނެއްކާވެސް ރައްޔިތުން މަގުމައްޗަށް ނެރެގެން ބޮޑު ކަންތަަށް ގަނޑެއް ހިންގާލަން އެބޭފުަޅުނަަށްވެސް އިގޭ އެ ނިޒާމު ބަދަލު ކުރުމުގެ ބާރެއް އެބޭފުޅުނަށްވެސް ނެތްކަން" އާރިފް ވިދާޅުވިއެވެ.

ރިޔާސީ ނިޒާމާ ރާއްޖެއާ ނުގުޅޭކަން ކަށަވަރުވެފައިވާ ކަމަށާއި ސިޔާސީ ހަމަޖެހުން އޮތީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ހަ އަހަރުގެ މުއްދަތަކަށް އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.އަދި އިންތިޚާބު ކުރާ ރައީސެއްގެ ފުރަތަމަ މަސައްކަތަކަށް ވާނީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު އެއް އަހަރަށް ދަންމާލުން ކަމަށާއި އެ މުއްދަތުގައި، ރާއްޖޭގައި ހަރުދަނާ ޝަރުއީ ނިޒާމެއް ހިންގުމަށާއި ޖިނާއީ އަދުލުގެ ނިޒާމާއި ފުލުހުންނާއި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، މިނިވަން މުއައްސަސާތަކަށް ގާނޫނީ އިސްލާހުތަކެއް ގެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއް ގެންނާނެ ކަމަށް ރައީސް ނަޝީދު ވައުދުވެ ވަޑައިގެންނެވި އިރު ރާއްޖޭގެ ޤާނޫނު އަސާސީ ރިޔާސީ ނިޒާމެއްގެ ސިފަތައް ހިމަނައިގެން ފާސްކޮށްފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމަވާފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލަކުރި

    އެކަމަކު ގާނޫނު އަސާސީގެ ބާރުތައް އެނޫންގޮތްގޮތްތަށް ތަންތަން ކޮޅުން ބަދަލުކުރުމުގެ ބާރު އޮތީ ހަމައެކަނި ޕީޕީއެމް އަށް