ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މީގެ ތިން ދުވަސް ކުރިން ނެރުނު ރީނދޫ ސަމާލު (ޔެލޯ އެލާޓް) ދަރަޖަ ދަށްކޮށް ހުދު ސަމާލު (ވައިޓް އެލާޓަށް) މިއަދު ބަދަލުކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހުދު ސަމާލު ނެރުނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

ހުދު ސަމާލު ނެރުނު ނަމަވެސް އަދިވެސް ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއިއެކު ވައި ޖެހޭނެ ކަމަށާއި އާއްމު ގޮތެއްގައި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ. މިއަދުވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިހަފްތާގައި ރާއްޖެ އަށް މޫސުން ގޯސްވެ، ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. ހޮނިހިރު ދުވަހު ހިނގި ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ނިޔާވެ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ވެސް ވަނީ ގެއްލިފައެވެ. ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔަ ނަމަވެސް އަދި އެމަސައްކަތުގައި ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

މިއަދު ވެސް ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ދަތުރު ކުރައްވާ ފަރާތްތަކުން ވެސް މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރު ކުރެއްވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރައްވައެވެ.