މާލޭގެ ކޮންމެ ބްލޮކަކަށް އެ ބްލޮކެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެރިއަކު ކަނޑައަޅައި ސިޓީ ކައުންސިލްއާއެކު މަސައްކަތްކުރުމަށް، ބްލޮކް ވެރިން ހޮވުމަށް ބާއްވާ އިންތިހާބަށް ފޯމް ހުށަހެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށް، ބްލޮކްވެރިންނަށް ހޮވޭ ފަރާތްތަކަށް މަހަކު -/1000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ނިންމައިފިއެވެ.

މާލެގެ ބުލޮކް ވެރިޔާއަށް ކުރިމަތި ލުމުގެ މުއްދަތު މި އަހަރުގެ ޑިސެންބަރު މަހުގެ ދެވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

މި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ން ފެށިގެން ޑިސެންބަރު ދެވަނަ ދުވަހުގެ ނިޔަލަށެވެ.

ބްލޮކް ވެރިޔާކަމަށް ކުރިމަތި ލުމުގެ ޝަރުތު ތަކުގެތެރޭގައި 18 ފުރިފައިވުމާއި، ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއްކަމަށްވުމާއި، ވައްކަން، ޓެކުން، ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.

އޭގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުމާ، އެފަދަ މައްސަލައެއްގެ ތަހުގީގްގައި ބަންދުކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގު މަރުހަލާގައި ތަހުގީގުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒުކުރެވުނުތާ ތިން އަހަރުވެފައިވުމާ، އިންތިހާބްކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާ، މުސްތަޤިއްލު މުވައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.

ބްލޮކް ވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބޮލޮކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުމުގެ ހާލަތު އެނގުން، އަދި ކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތައް، ދިރިއުޅެމުންދާ ތަންތަނުގެ ފުރިހަމަ މައުލޫމާތު އެނގުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދައި އެކަން ހައްލު ކުރުމަށް އެކަމުގެ މައުލޫމާތާއި، އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ކައުންސިލަށް ހުށަހެޅުން ހިމެނެއެވެ.