ހދ. އަތޮޅާއި ށ. އަތޮޅާއި ދޭތެރޭގައި ދަތުރު ކުރި ބޯޓަކުން ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ފީވަކަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރުއެވެ. މި ހާދިސާގައި މީހަކަށް އަނިޔާވިއެވެ.

ރާއްްޖޭގެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވެފައިވާ މި ދުވަސްވަރުގައި ކަނޑުމަތީ އެތައް ހާދިސާއެއް ދަނީ ހިނގަމުންނެވެ. އަދި ކަނޑުމަތީ ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ވަނީ ގޮސްފައެވެ.

ފީވަކު ކައުންސިލް ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވީ، ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ރަށަށް ގެންދިޔައީ އިއްޔެ އިރުއޮއްސުނު ފަހުން ކަމަށެވެ. އަދި އެ ކޮންޓެއިނަރުތައް ގެނެއީ ވާ ޖަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ދެމުން އަލީ ރަޝީދު ވިދާޅުވީ، އޭނާގެ ބޯ ފަޅައިގެން ގޮސްފައި ހުރި ކަމަށެވެ. އަދި އެރަށު ސިއްހީ މަރުކަޒުގައި އޭނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަަމށް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދެ ކޮންޓެއިނާ ކަނޑަށް ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 17:07 ހާއިރު ކަމަށެެވެ. އަދި މިހާރު އެ ދެ ކޮންޓެއިނަރު ފީވަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި މީހަކު ގެއްލިގެން ރިޕޯޓްކޮށްފައި ނުވާ ކަމަަށް ފުލުހުން ވިދާޅުވިއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ބާރު ކޮޅިގަނޑެއްގައި ޖެހިގެންނެވެ. މިހާރު އެ ބޯޓު ފީވަކު ބަނދަރާއި ކައިރިކޮށްފައިވާއިރު، އެ ބޯޓަކީ އެރަށު ކުންފުންޏެއްގެ ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ.