ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު 100 ކިލޯ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލި މައްސަލަ އަދިވެސް އިސްތިއުނާފު ނުކުރާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެތަނުން 8 މީހަކު ބަންދުކޮށް، ދެ މީހަކު ވަނީ ދޫކޮށްލާފައެވެ.

އެކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ދޫކޮށްފައިވަނީ މަސްތުވާތަކެތި ރާޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން "ވަގުތަށް" މައުލޫމާތު ދެއްވަމުން ޕީޖީގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ، މައްސަލަ އިސްތިއުނާފް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"އަދި ގޮތެއް ނުނިންމަން. މާދަމާ އެކަމާއި ގޮތެއް ނިންމާނީ. މުއްދަތު ވެސް ހަމަ ނުވޭ އަދި" ޝަފީއު ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހަށް 48 ގަޑިއިރު ލިބޭނެއެވެ. ބެލެވޭ ގޮތުގައި އެކަމާއި ގޮތެއް ނުނިންމަނީ އެ މުއްދަތު އަދި ހަމަވެފައި ނުވާތީއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ)، ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ޙަބީބު (25އ)، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު (34އ)، ލ. ކަލައިދޫ، ހދ. ކުމުންދޫ ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ)، ދ. ބަނޑިދޫ ޕޮލަރިސް، މުޙައްމަދު ޙުސައިން (61އ)، ބަނގްލަދޭޝް، އެމްޑީ ރަފީޤުލް އިސްލާމް (35އ)، ބަނގްލަދޭޝް، ޑީއެމް މޮބިން (24އ)ގެ އިތުރުން ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ކަމަށެވެ.

މީގެ ތެރެއިން ޖުމާން އާއި ޖުމާން އަދި މުޙައްމަދު އަޙްމަދު 10 ދުވަހަށް ބަންދު ކޮށްފައިވާއިރު، ސިނާނު، މުޙައްމަދު ޙުސައިން، އެމްޑީ ރަފީޤުލް އިސްލާމް އަދި ޑީއެމް މޮބިން 15 ދުވަހަށް ބަންދު ކޮށް، މިދުހަތުގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ފުލުހުން 100 ކިލޯގެ މަސްތުވާތަކެތި ހޯދައި 10 މީހަކު ހައްޔަރު ކުރިއިރު، އޭގެ ފަހުން ވެސް 215 ކިލޯގެ މަސްތުވާތަކެއްޗާއި އެކީ ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް އެމީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމަ އެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާރާމާރީ

    "ދުއިސައްތަ ފަނަރަ ކިލޯ މަސްތުވާ ތަކެއްޗާއިއެކު ފުލުންވަނީ ދެ މީހުން އަތުލާގެންފައި"
    އެމީހުންގެ ވަނަވަރު ހާމަނުކުރެވެނީ ނަން ނުކިޔާ މީހުންވީމާބާ....އެމީހުންގެ ފޮޓޯވެސް ނެގޭނެ ގޮތެއްނެތްތޯ؟ ޕިލްޕިންސްގެ ޑްޓާޓެ ގެނެސް މިޤައުމުން މަސްތުވުވާތަކެތި ނައްތާލާނެ ގޮތް ހެދުން މުހިއްމު... ބިޑްކޮށްގެންނަމަވެސް

  2. ހުސޭނުބޭ

    ސަރުކާރުގެ ބޮޑުން އެކަމުގެ އަޑީގައި ތިބީމާ އެހެންވާނެ!

  3. ޙައި

    ބޮޑުންނަކީ ކޮބައިކަން ސާފުވެއްޖެ