މަސްތުވާތަކެތީގައި މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ކޯޓު މަރުހަލާއިން މިނިވަންވަމުންދާތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް އުމަރުއެވެ.

އެ މައްސަލަ ހުށަހެޅުއްވި ސަބަބެއް ކަމަށް ޝަރީފް ވިދާޅުވީ، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވޭ ބައެއް ފަރާތްތައް ކޯޓުން މިނިވަންވެ ރާއްޖެއިން ބޭރަށް ދާއިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާތީ އާއި އެފަދަ ފަރާތްތަކުން ދުނިޔޭގެ މަސްތުވާތަކެތި ވިއްކާ ނެޓްވޯކްތަކާއި ގުޅިގެން ބޮޑެތި އަދަދުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވެ މަސްތުގެ ހަބަކަށް ރާއްޖެ ބަދަލުވާން ފަށައިވާތީއެވެ.

މަގުމަތީގައި ހިނގާބިނގައި ހަދަން އުނދަގޫ ވަރަށް އެތަކެތި ބޭނުންކުރާ މީހުން އިތުރުވެ ޒުވާން ޖީލުތައް ހަލާކުވެ ރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރަމުން ހިންގާ އަމަލަކީ ދައުލަތް ބައިވެރިވެގެން ހިންގާ ސްޓޭޓް ފަންޑިން ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފާސްވީ މަޖިލީހުގައި އެވަގުތު ތިއްބެވި 32 މެންބަރުންގެ ތެރެއިން 23 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިނުގަންނަން ހަތަރު މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އެތައް ޒަމާންތަކެއް ވަންދެން ހައްލުނުވެ އޭގެ ސަބަބުން ރާއްޖެއަށް އެތައް ގޮތަކުން ނޭދެވޭ އަސަރުކުރަމުންދާ ކަމެއް ކަމަށެވެ. "މިކަމުގެ ސަބަބުން އިޖްތިމާއި ބޮޑެތި މައްސަލަތައްވެސް އަޅުގަނޑުމެންފެ ތެރޭގައި އުފެދެމުންދާ ސީރިޔަސް މައްސަލައެއް.

އޭނާ ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މި ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރަށް ވަރަށް ބޮޑަށް އިތުރުވެގެން ދިޔުމާއި ގުޅިގެން ކަމަށެވެ. ފުލުހުންގެ ޑީއައިޑީން ދާދި ފަހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. ނަމަވެސް އެ ފަރާތްތަކާއި މެދު އެންމެ އެކަށީގެންވާ ފިޔަވަޅު ނޭޅޭތީވެ އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އެންމެ ފަހުންވެސް 100 ކިލޯ އެތެރެކުރި ބައެއް މީހުން ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައި. ފުރައިގެން ދިޔައިރުވެސް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ މިއަދުގެ ހާލަތު އޮތް ގޮތުން އެކަމަށް މާބޮޑު ފިޔަވަޅެއް އެޅިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ޕޮލިސްގެ ގާނޫނުގައި އޮތްކަމުގައިވިޔަސް ހޯމް މިނިސްޓަރު އެ ހުންނެވީ ގާނޫނީ ޒިންމާ އަދާކުރަން ބަލިކަށިވެފައި" ހޯމް މިނިސްޓްރީގެ އިހުތިސާސުން ފުލުހުން ވަކިކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲއަށް ފޮނުވި ސިޓީއަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވިއެވެ.

އެކަން ހިނގަދިޔަގޮތް މަޖިލީހުން ބެލުންވެސް މުހިއްމުކަމަށް ދެކިވަޑައިގަންނަވާކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އެ މައްސަލާގައި ސަރުކާރުން ރަސްމީކޮށް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައުންސެލަރު

    ގޮނޑުން ހޮވައިން ގާނޫނު ހަދަން މީހުން ނަގަންވީ. އޭރުން މާސަޅިވާނެ

  2. ހުސޭނުބޭ

    އޭގެ ހިއްސާދާރުން ތި މަޖިލީހުގައި ތިބޭނެޔަން ޔަޤީން

  3. ގައުމީދޫނި

    މީގައުމީދޫނި ހިމާޔައް ކުރުމުގެ ނަތީޖާ އެހެންނުވާނީކީއްވެގެންތޯ ސިކުނޑި ސަލާމަތުން ޒުވާނުން ބޮޑެތި ސެޓްފިކެޓް ހޯދައިގެން މަތީ ފާސްނަގައިން ތިބެއްޖެއްޔާ މިވެރިންގެ ވަޒީފާ ގެއްލޭނެނޫންތޯ މީއެދިގުރާސްތާގެ ތަސައްވަރ މިހަރު މިދަނީ ސިލްސިލާކޮއް ސަގާފަތަކައް ހަދައިގެން ވައްސަލަމް