ފުލުހުން ހިދުމަތުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ އިދާރާ ވަކި ކުރި ނަމަވެސް ފުލުހުން ޖަވާބުދާރީވާންޖެހޭނީ ހޯމް މިނިސްޓަރަށް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން ވަކި މިނިސްޓްރީއެއްގެ ދަށުން ފުލުހުންގެ އިދާރާ ހިންގަންޖެހޭނެ ކަމަށް ބުނެފައިނުވާކަން ފާހަކޮށް ހޯމް މިނިސްޓްރީގެ އިހްތިސޯސް އިން ފުލުހުން ވަކިކުރީ މިދިޔަ ހަފްތާގައެވެ.

ނަމަވެސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ބަންޑާރަނައިބު ރިއްފަތު ވިދާޅުވީ ފުލުހުން އަދިވެސް ޖަވާބުދާރީ ވާނީ ހޯމް މިނިސްޓަރަށް ކަމަށެވެ.

"ގާނޫނު އަސާސީގައި 140 ވަނަ މާއްދާ އަދި 242 ވަނަ މާއްދާގައި ސާފުކޮށް ބުނޭ ސަލާމަތީ ހިދުމަތްތައް ހިނގަން ޖެހޭނީ ވަޒީރެއްގެ ބެލުމުގެ ދަށުންނޭ. ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި އެބަ އޮވޭ ވަޒީރުގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް. މާނައަކީ އަދިވެސް ފުލުހުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރު" ރިއްފަތު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ ގާނޫނުގެ ދަށުން ފުލުހުންގެ ފަރާތުން އަދިވެސް ރައްޔިތުންގެ މަޖިލީހަށް ވެސް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރު ކަމަށެވެ.

ހޯމް މިނިސްޓަރު އައްޝައިހް އިމްރާނަށް ރައީސް އޮފީހުން މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުންދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާން ކުރާތީއާއި، އެ ޤާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީގެ އިހްތިސޯސްގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެއީ ގާނޫނު އަސާސީ އޮތްގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި އޮންނަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުސްތަޤިއްލު މުއައްސަސާތަކާއި، ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޤާއިމްކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނާންވާނެ ކަމަށެވެ. އެމާއްދާގައި އިތުރަށް ބުނެފައި އޮންނަނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ އެ މެންބަރަކާ ޙަވާލުކުރެވޭ ކޮންމެ އިދާރާއެއްގެ ނުވަތަ ކޮންމެ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވާންވާނެ ކަމަށެވެ.

އަދި ޤާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެ ކަމަށް ވެސް އެމާއްދާގައި ބުނެފައި ވެއެވެ.

ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ އިހްތިސޯސް އިން ވަކިކުރީ މާޗް 27 ގައި ކަމަށް ސިޓީގައި ވިދާޅުވެފައި ވީނަމަވެސް ސިޓީ ފޮނުވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައްނި

  ހެޔޮބަދަލްތޯ މިފެންނަނީ އެމްޑީޕީ ކުދިން ބުނެބަލަ ބަލަގަ ލަދު މަތީ ފޮތި އަޅައިގެން ތިބެނީ ލަދައް އެކަމު ގައުމު ފުނޑިގެންދާއިރު އަގަމަތީ ފޮތި އަޅައިގެން ތިޔަތިބެނީ ހަމަލަދައްތޯ

  17
 2. ހަސަނު

  އއދެ އުޅި އެއްނުވާ ގާނޫނު. ދެން ދުވަހަކު ދެފަހަރު މަޖިލީހުގަ މިނިސްޓަރު ޖަވާބު ދާރީ ވާންޖެހޭ. އެކަމަކު އެއްވެސް ކަމަކާ ގުޅިގެން ފުލުހުންގެ ވެރިންނަށް ސުވާލެއް ކުރުމުގެ އިޚްތިޔާރެއް މިނިސްޓަރަކަށް ނޯވޭ. އަޖައިބު ނުވާނެ

 3. ތި ޖޯކެއް

  އަމިއްލަ އަށް ތިބެގެން ހާވާ ހަޑި، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކި ކުރީމާ، ހޯމް މިނިސްޓްރީގެ މިނިސްޓަރަށް ޖަވާބުދާރީ ވުން ތީ ބޮޑު ޖޯކެއް ނު، ތި ރިއްފަތް ބުނީ ދައުލަތުން ސީލް ކޮއްފާ ދޭ ތަޔްގަނޑު ޖެހި ލިޔުމަކީ އެއްވެސް އަގެއްނެތް އެއްޗެކޭ!! ކިޔޭ ނުކިޔޭ ނޭންގޭ އެކަމުވެސް ދައުލަތް ހިމާޔަތް ކުރަން ޖެހޭ!!