މާލޭ އަތޮޅުން އެންމެ ހިދުމަތްތެރި އަދި އެންމެ ތަޖުރިބާ ކެޔޮޅު ދޭ "ކެޔޮޅު" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެންމެ ހިދުމަތްތެރި ކެޔޮޅަކަށް ހޮވަނީ 35 އަހަރުން ދަށުގެ ކެޔޮޅުންނެވެ. އަދި އެންމެ ތަޖުރިބާކާރު ކެޔޮޅު ކަމަށް ހޮވާނީ 35 އަހަރުން މަތީގެ ކެޔޮޅުންނެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ އެވޯޑް ދޭން ހަމަޖެހިފައިވަނީ މި އަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކ. ގާފަރުގައި ބާއްވާ ރަސްމިއްޔާތުގައި ކަމަށެވެ.

ޝަރުތުތަކުގެ ތެރޭގައި މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ވާން ޖެހޭނެއެވެ.

އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމް މިނިސްޓްރީން ވަނީ އެދިފައެވެ.

އެ ދެ އެވޯޑަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް ފޮނުވަން ޖެހެނީ މިނިސްޓްރީގެ މެއިލްއަށެވެ.