ރާއްޖޭގެ ޖަލުތަކުގައި ތިބޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަސްތުވާކެތި ބޭނުން ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން މުޖުތަމައު އަށް ދޫވާ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލަ އަށް ބަހުސްކުރައްވަމުން އަލީ ހުސެއިން ވަނީ އެފަދަ މައްސަލަތަކުގައި ޖަލަށްލާ މީހުން ރަނގަޅުވެ އަނބުރާ މުޖުތަމައު އަށް ނުކުމެވޭ ފަދަ ފުރުސަތެއް ނެތް ކަން ފާހަގަ ކުރައްވައިފައެވެ. ޖަލުތަކުގެ ނިޒާމް އޮތް ގޮތުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ޖަލަށް ލުމަކީ ހައްލެއް ނޫން ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

"ޝަރުއީ މަރުހަލާއިން ދޫކޮށް ހުކުމް ކުރިޔަސް ޖަލަށް ލިޔަސް ރަނގަޅެއް ނުވޭ. 10 އަހަރު ޖަލުގައި ބެހެއްޓިއަސް ރަނގަޅެއް ނުވޭ. ޖަލުގެ ނިޒާމް އޮތީ ފެއިލްވެފައި. ރިޕޯޓްތަކުން އެބަ އެނގޭ ޖަލުގައި ތިބޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަސްތުވާތަކެތި ބޭނުން ކުރާކަން." އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުވެގެން މިފަދަ މައްސަލަތަކުގައި މީހުން ދޫވާ މައްސަލަ ހައްލު ކުރުމަށް މިފަދަ މައްސަލަތަކާއި މެދު އަމަލު ކުރާ ގޮތް ހަރުކަށި ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެފަދަ މައްސަލަތަކާ މެދު ހާއްސަ އުސޫލަކުން އަމަލުކުރެވިދާނެ ކަމަށެވެ.

"ހާއްސަ ގޮތަކަށް އަމަލުކުރަން ފަށާނީތޯ މަސްތުވާތަކެތި ޓްރެފިކްކުރުމާއި ވިޔަވާރި ކުރާ މައްސަލަތަކާ މެދު. އަޅުގަނޑުމެންނަށް އެބަ އެނގޭ ޔޫރަޕާއި އެމެރިކާގެ އިޖުރާއަތުތަކާއި ތަފާތުކަން. އެމެރިކާގެ އިޖުރާއަތުތައް ފޮޅުވަތުން ފޮޅުވަތަށް ފޮލޯކުރަން ޖެހޭ އިރު ކޮންޓިނެންޓަލް ޔޫރަޕްގައި ބައެއް ގައުމުތަކުގައި އިޖުރާއަތަކީ އެކަށީގެންވާ މިންވަރަށް އިންސާފު ގާއިމްކުރެވޭނަމަ އިޖުރާއަތުތައް ބައެއް ކަންކަމަށް އަމަލު ނުކުރެވުނު ނަމަވެސް އެ މީހެއްގެ މައްޗަށް ކުށް ސާބިތު ކުރާ ކަންކަން ވެސް އެބަހުރި." އޭނާ ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި މެމްބަރުން ވަނީ ވައްކަމުގެ ކުދި މައްސަލަތަކުގައި ހިމެނޭ މީހުންނަށް ނިސްބަތުން ބޮޑެތި ހުކުމްތައް އަންނަ އިރު މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ޖަލަށް ނުލެވި މިނިވަންވާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ވަނީ ފަނޑިޔާރުންގެ އިހުލާސްތެރިކަން ނެތުމުން ކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވި އިރު ބައެއް މެމްބަރުން ވަނީ އިދާރާތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ވަކާލާތު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަންރީތި ހުސޭނު

    9،8 ގައާއި އޭގެފަހުން މުޒާހަރާތަކުގަޔާ އެހެންގޮތްގޮތުން ފުލުހުންނާ ސިފައިންނައް އަނިޔާކޮއް، ގަނާކޮއް ތަންތާ ހުޅުޖަހާ އުޅުނީވެސް އެމީހުންދޯ