މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ބޭނުން ކުރާ ޓްރާންޝިޕްމެންޓް ޕޯޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހަށް އެޖެންޑާ ކުރި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން މުޖުތަމައު އަށް ދޫވާތީ އެކަމާ ގުޅިގެން މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ ފަހަކަށް އައިސް މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމެންޓްތައް އަތުލައިގަންނަކަން ފާހަގަ ކުރައްވައިފައެވެ.

ބައެއް މެމްބަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އިރު އެހެން މެމްބަރުން ވަނީ މިހާރު މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވަނީ އިދާރާތަކުގެ މަސައްކަތް ރަނގަޅުވުމުން ކަމަށް ވިދާޅުވެފައެވެ.

މެމްބަރުންގެ ވާހަކަތަކާ ގުޅިގެން މިއަދު މަޖިލީހުގެ ފުރަތަމަ ދަންފަޅި ނިމެން ކައިރިވެފައި ވަނިކޮށް ނަޝީދު ވަނީ އަތުލައިގަންނަ މަސްތުވާތަކެތީގެ ޝިޕްމެންޓްގެ ބަރުދަނަށް ބަލާ އިރު އެއީ ދިވެހިންނަށް ވިއްކުމަށްޓަކައި އެތެރެކުރާ ތަކެތިތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.

" އަޅުގަނޑު މި ހިތަށް އަރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުން ކުރި ނަމަވެސް މި އަދަދު ބޭނުން ކުރެވޭ ބާއޭ ކޮންމެ ދުވަހަކު ބޭނުން ކުރި ނަމަވެސް. އެހެންވީމަ ވެގެންދާ ގޮތާއި މެދު އަޅުގަނޑު ހިތުން މެމްބަރުންނަށް ސުވާލެއް އުފެދޭނެ ޓްރާންސްޝިޕްމެންޓްޕޯޓެއް ގޮތުގައި ރާއްޖެ ހިމެނި އެ ބާވަތުގެ ވިޔަފާރި ފަހިވެގެން ދާދިއުމެއް ކުރިއަށް ދާކަމަށް." ނަޝީދު ވިދާޅުވިއެވެ.

މިއަދު މި މައްސަލަ އަށް ބަހުސް ކުރި ގިނަ މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންކަމަށް ވާއިރު މެމްބަރުންގެ ވާހަކައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ރާއްޖޭގައި ތިބި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުން މިނިވަންކޮށް އެ ވިޔަފާރި ފުޅާކުރަން އެ ސަރުކާރުން ފުރުސަތު ދިންކަމަށް މެމްބަރުން ވަނީ ތުހުމަތުކުރައްވާފައެވެ. އަދި މެމްބަރުން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ ހަމީދު) އާއި ސަރުކާރަށް ތައުރީފު ކުރައްވައިފައެވެ. އަދި މަސްތުވާތަކެތި އަތުލައިގަނެވެނީ އިދާރާތަކުގެ ފާރަވެރިވުމުގެ ނިޒާމް ހަރުދަނާވުމުން ކަމަށް ވެސް އެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތަގެ ފްރެންޑް މޯޑީ މެން ކުރާކަންމެއްނުއެއީ!

  2. ހަކުރޭ

    ދެން ހަކުރު ގިނަވޭ

  3. ހުސޭނުބޭ

    ރާއްޖެ އެތެރެވާލެއް މަދުވެ ފާޑުފާޑުގެ ފެރީތައް ހަދައިގެން އެކަމުގެ މަގުކޮށައިދިނީ ކަލޭނޫންތަ

  4. އިންސާފު

    އިންޑިޔާ ކާގޯ ފެރީ ތަކުން ތި ޑްރަގް ރާއްޖެ އެތެރެ ކުރާކަން ތިބޭޅާއައް ވެސް އެގޭނެ