ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ސްކޫލް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މި މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ބީލަށް ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ އެކެއްގައެވެ. ނަމަވެސް ކޮންޓްރެކްޓަރުންގެ ތަރުހީބު މިކަމަށް ނުލިބުމާ ގުޅިގެން އަލުން ބީލަމަށް ހުޅުވާލީ މި މަހުގެ ކުރީކޮޅެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މި ޕްރޮޖެކްޓަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ތެރެއިންނެވެ. އެ ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައި ރަޖިސްޓަރީ ވެފައިވާ ނަމައެވެ.

އެކަމަކު ރާއްޖެ އިން ބޭރު ކުންފުނިތަކުން "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައި ރަޖިސްޓަރީ ނުވި ނަމަވެސް އެ ކުންފުނިތަކުން އެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔުންތައް ބީލަމާ އެކު ހުށަހަޅަން ޖެހެއެވެ.

އަދި ބީލަމުގައި ބައިވެރިވުމަށް 1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ވެސް ދައްކަން ޖެހެއެވެ.

ބީލަން ހުޅުވުން އަޮންނާނީ އަންނަ މަހުގެ 17 ގައެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މިހާރު ވެސް ދެ ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.