ރާއްޖޭގައި މިހާތަނަށް އައިރު އިރު ކޮވިޑް-19 ބޫސްޓަރ ޑޯޒް ޖަހާފައި ވަނީ 601 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސްވެފައިވާ މީހުން، ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ ދެ ވަނަ ދުވަހު ހުޅުވާލާފައެވެ. ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލި ޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ވަނީ ލަފާދީފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިމިއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު ބޫސްޓަރ ޑޯޒް ދެމުން ދަނީ ވަކި ހާއްސަ ހާލަތްތަކެއްގައި ކަމަށާއި އާއްމުންނަށް ބޫސްޓަ ޑޯޒް ޖެހުމާއި މެދު ގޮތެއް ނިންމާނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ނިސްބަތް 90 އިންސައްތަ އަށް ހެދުމަށް ކަނޑައެޅި އަމާޒަށް ވާސިލްވުމުން ކަމަށެވެ.

"މި ވަގުތު އަމާޒަކީ ދެ ޑޯޒް ޖަހާ ފުރިހަމަ ކުރުން. ބޫސްޓަރ ޑޯޒް އާއި މެދު ގޮތެއް ނިންމާނީ ވެކްސިންގެ ފުރަތަމަ ދެ ޑޯޒްގެ އަމާޒު ހާސިލްވުމުން." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ މީހުންނަކީ 60 އަހަރުންމަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން ކަމަށް ވާއިރު، ބޫސްޓަރ ޑޯޒް އެމީހުންނަށް ދޭން ނިންމާފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހުކަން ފާހަގަކޮށްލެވެއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9 އިން މެންދުރު 2 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ މެންދުރު 1 އިން 3 އަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ވެކްސިން ޖަހައިފައެވެ.