ގދ.ތިނަދޫގައި ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާ ނިޔާވީ 100 ޕަސެންޓް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިހުމާލުން ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފިއެވެ.

އެ ކުއްޖާ ނިޔާވެފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

އެ ކުއްޖާއަކީ ކޮވިޑަށް ފައްސިވި ކުއްޖެކެެވެ. އަދި އެ ކުއްޖާ ގައިން ބަލީގެ އަލާމާތްތައްވެސް ފެނިފައި ވެއެވެ. ނަމަވެސް ބަލިން ވަނީ ރަނގަޅުވެފައެވެ. އަދި ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫންކަމަށް ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި ޑޮކްޓަރު ސަސްޕެންޑްކޮށްފައި ވެއެވެ. ސަސްޕެންޑް ކޮށްފައިވަނީ އެވަގުތު ޑިއުޓީގައި ހުރި ޑޮކްޓަރެވެ.

އެ ކުއްޖާ ނިިޔާވީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށް އިއްޔެވެސް އެ ކުއްޖާގެ އާއިލާއިން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

އެ ކުއްޖާގެ ބައްޕަ ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެްގައި ބުނެފައި ވަނީ، ފުރަތަމަ ހޮސްޕިޓަލަށް ގުޅީ އިއްޔެ ރޭ ފަތިހު 4:00 ޖެހިއިރު ދަރިފުޅު މާބޮޑަށް "ލޫސް ސްޓޫލް" ވާތީ ކަމަށެވެ. އެއީ އެމާޖެންސީކޮށް ހޮސްޕިޓަލަށް ގެންދަން، އެމްބިއުލާންސް ފޮނުވަން އެދިއެވެ. އެ ކުއްޖާގެ ބައްޕަ ބުނެފައިވާގޮތުން އެއިރު އެމްބިއުލާންސް ފޮނުވާނެ ކަމަށް ބުންޏެވެ.

'އޭގެ ފަސް މިނިޓް ފަހުން ހަބަރެއް ނުވީމަ ބުނިން ގޮވައިގެން މިދަނީ ހޮސްޕިޓަލަށް ކަމަށް. ހޮސްޕިޓަލް މަގުގައި ހުންނަ ގެެއެއް ވީމަ އެއް މިނިޓް އިން ދެވޭނެތީ. ހޮސްޕިޓަލުން އެންގީ ތީ ކޮވިޑް ޖެހިފައި ތިބި އާއިލާއެކޭ ގެންދަން ޖެހޭނީ ކޮވިޑް ފެސިލިޓީއަަށް ކަމަށް. އެގަޑީގައި ބުނިން ކޮވިޑް ޓެސްޓްކޮށް ފައްސިވި ފަހުން 16/18 ދުވަސް ވެއްޖެއޭ، އެންމެންވެސް ރަނގަޅު ވެފައިއޭ ތިބީ".

އެ ކުއްޖާގެ ބައްޕަ ބުނީ، ދަރިފުޅު އުރާލައިގެން ހޮސްޕިޓަލަށް ދާން އެދުމުންވެސް ބުނެފައި ވަނީ "ގެނެޔަސް ޑޮކްޓަރު އެޓެންޑް ނުވާނެ ކަމަށް އޭނާ ބުނެފިއޭ، ކުޑަކުދިންގެ ޑޮކްޓަރު އަންނާނީ 8:00 ޖަހާއިރުއޭ". ކަމަށެވެ.

އޭނާ ބުނީ، ހުއްޓާ ނުލާ ދެ ގަޑިއިރު ވަންދެން ގުޅި ފަހުން 6:15 ގައި އެމްބިއުލާންސް ފޮނުވި ކަމަށެވެ. އަދި ކޮވިޑް ފެސިލިޓީއަށް ގެންގޮސް ފަރުވާއެއް ނުދީ އެއް ގަޑިއިރާއި 30 މިނިޓް ވެގެން ދިޔަ ކަމަށް ބުންޏެވެ.

"ކޮވިޑް ފެސިލިޓީގައި ތިބި ދެ ނަރުހުން ކުޑަކުއްޖެއް ވީމަ ހާސްވެފައި ހޮސްޕިޓަަށް ގުޅާ ޑޮކްޓަރަށް ރިޕޯޓް ުރަމުންދިޔަ، 7:40ގައި ދަރިފުޅު އެއްވެސް ހަރަކާތެއް ނުކުރޭ، ނޭވާވެސް ނުލާ. ދަރިފުޅު ނިޔާވި ފަހުން 7:43 ގައި ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމް ވަރަށް އެމާޖެންސީ ވެލާފައި އެޓެންޑްވާން އައިއިރު މާ ލަސް ވެއްޖެ".

އަދި 9:00 ޖެހިއިރު ޑޮކްޓަރުންގެ ޓީމުން ހުއްދައަށް އެދުނީ ނިޔާވެފައި އޮތް ދަރިފުޅުގެ ބޮޑީ ސްކޭނެއް ހަދަން ހޮސްޕިޓަލަށް ގެންދަން ކަމަށް ބައްޕަ ބުނެފައި ވެއެވެ.

"އަހަރެންގެ ދަރި ދިރިހުއްޓާ ހޮސްޕިޓަލަށް ނުވައްދާފައި ދެން ނުގެންދެވޭނެ އެއްވެސް ތާކަށް".

އޭނާ ބުނީ، އިއްޔެ 10:00/11:00 އާ ދެމެދު އެޗްޕީއޭގެ ފަރާތުން ގުޅާފައި އާއިލާ އެންމެން ކޮވިޑް އިން ރަނގަޅުވެފައި ތިބުމުން ދޫކުރި ވާހަކަ ބުނި ކަމަށެެވެ. އަދި 11:00/12:00 އާ ދެތޭރެގައި ހޮސްޕިޓަލްގެ ފަރާތުން ދަރިފުޅު މޫނު ދައްކަން ގެއަށް ގެންދިޔަޔަސް މައްސަލައެއް ނެތް ކަމަށް އެންގި ކަމަށާއި، އެއީ ކޮވިޑްގައި ނިޔާވި ކުއްޖެއް ނޫން ކަމަށް ބުނި ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

އަދި މިއީ 100% ހޮސްޕިޓަލްގެ އިހުމާލު ކަމަށް އޭނާ ބުނެފައި ވެއެވެ.

ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު އިއްޔެ "ވަގުތު" އަށް ވަނީ މި މައްސަލައިގައި ޑޮކްޓަރަކު ސަސްޕެންޑް ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

"މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދަނީ. އަދި މި މައްސަލައިގައި ހިމެނޭ ފަރާތްތަކާއިމެދު ފިޔަވަޅުތައް އަޅަމުން މިގެންދަނީ. އޭގެ ތެރެއިން ޑޮކްޓަރު މިވަގުތު ވަނީ ސަސްޕެންޑް ކޮށްފައި" އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިބެއްޔާ

    އެޓެންޑް ނުވާނަމޭ ބުނި މީހާ ކޮބާ؟؟؟ ކަލޭމެން ބަލަން ތިބޭ އެންމެ އަވަހަށް ޖެހޭ އެއްޗަކުން އޭނާ ފުރުވާލާނީ ނޫނީ އެހެން ހޮސްޕިޓަލަކަށް ބަދަލު ކޮށްލާނީ.. ތިނަދޫ ހޮސްޕިޓަލަކީ ވަރަށް އިހާނެތި ބަޔަކު އުޅެމުން އަންނަ ތަނެއް.. ކޮވިޑް ބަލިމީހެކޭ ކިޔާ އެތާ ކައިރި ރަށެއްގެ މުސްކުޅި ބޭބެ އަކު ނުހިނަވާ ވަޅުލި މީހުން ތި މީހުންނަކީ.. ކުރިން އޮތް ހަރުދަނާ އެކުލުންވެރި ރައްޔިތުން ތިބި ތިނަދޫ މިހާރު ނެތް.. ރަޙުމެތް ޙަމްދަރުދީ އެއްނެތް..

    5
    1
  2. Anonymous

    ވ. ދެރަ ހަމަ ވ. ދެރަ
    ކީއްކުރާނީ. ކުޑަކުޑަ ތުއްތު ފާރާނައަށް ހެޔޮ ރަޙްމަތް ލައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

    18
  3. ޙަލީ

    ސަސްޕެންޑް ކުރަންވީ ޑޮކްޓަރ ނޫން ، ތިތާގެ އެވަގުތު ތިބި އިސްމީހުން . ޑޮކްޓަރ ގެ އިހުމާލަށްވުރެ ބައްޕަގެ ވާހަކައިން އިހުމާލުވި އެހެންބަޔަކު އެބަތިބި

    10
  4. ފަރުހާދު

    މުޅިންވެސް ތިވަރެއްގަ.ތި ހޮސްޕިޓަލަކީ ވަރަށް ފޮނި ފަރުވާކުޑަމީހުން ތިބޭތަނެއް.ރަނގަޅުވާނީވެސް ބަޔަކު ނުދިޔައިއްޔާ.