ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ލައިޓިން މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ބެއިޖިން ޒެޑް.އާރު.ޖީ.ޑަބްލިއު ކޯޕަރޭޝަން ލިމިޓެޑާއެވެ.

މި މަޝްރޫއާ ބެހޭ ގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެދްގެ ސީއޯއޯ އަހުމަދު އިބްރާހިމް ވިދާޅުވީ މި މަސައްކަތް އަންނަ އަހަރު ފެށުމުގެ ކުރިން ނިންމައި އަންނަ ޖެނުއަރީ މަހު ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރު ކުރެވޭނެ ކަމަށެވެ.

އަހުމަދު އިބްރާހީމް ވިދާޅުވީ އެހެން އެއާޕޯޓްތަކާ ހިލާފަށް ކުޅުދުއްފުށީ އެއާޕޯޓުގައި ގާއިމުކުރާ ލައިޓިން ސިސްޓަމަކީ، ލެޑް ސިސްޓަމެއް ކަމަށާއި އޭގެ ސަބަބުން ދިމާވާ މައްސަލަތައް މަދުވެ ލައިޓުތަކުގެ އުމުރު ދިގުވުމުގެ އިތުރުން ލައިޓިންއަށް ހޭދަވާ ކަރަންޓު ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށެވެ.

އަދި ކުރިޔަށް އޮތްތަނުގައި ކުންފުނިން ހިންގަމުން އަންނަ ހުރިހާ އެއާޕޯޓެއްގައި ވެސް ލައިޓުހަރުކޮށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި ހަރުކުރާ ލައިޓިން ސިސްޓަމްތަކަކީވެސް ލެޑް ލައިޓީން ސިސްޓަމް ތަކަކަށް ހެދުމުގެ އިތުރުން އިއާދަކުރުނިވި ހަކަތަ ބޭނުންކުރާ ސިސްޓަމަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އަޙްމަދު އިބްރާހީމް ވިދާޅުވިއެވެ.

ހދ.ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ލައިޓިންގެ މަސައްކަތުގެ ސަބަބުން ރޭގަނޑުގެ އުދުހުންތައް ފެށި ރައްޔިތުންނަށް ބޮޑު ފަސޭހައްއެއްވުމުގެ އިތުރުން، ބޭސްފަރުވާ އަށް ކުޅުދުއްފުއްޓަށް ކުރާ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ރައީސް ޔާމީނަން ފަށްފަށުން ސަލާމް މިގައުމުގެ ތަރައްގީގެ ބާނީ

  2. ޯބޯޖަލީލު

    ކޮބައިބާ ކުޅީގަ ލޭނު މަސްވެރިކަންކުރަން އުޅުނު ރީނދޫ ގުރޫޕު

  3. ރީތި މޫސަ

    އަދި މާއަވަސް ތީ 2019ގެ ޖެނުއަރީއަށް ނިމިފައޮންނަންޖެހޭ ކަމެއް ތިޔަށް ކިޔާނީ ފިނިހަކު ދުވެލި