ފުލުހުންގެ ބޯޑަށް ދިން ބާރުތަކުގެ ބޭނުންކޮށް ފުލުހުންގެ އިސް ހަތް އޮފިސަރަކު ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ ހަތް އޮފިސަރުންގެ ތެރެއިން ތިން އޮފިސަރަކު ވަޒީފާއިން ވަކިނުކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ސިވިލް ކޯޓަށް މީގެ ކުރިން ހުށަހަޅާފައިވާ އޮފިސަރުންގެ ތެރޭގައި ހިމެނެނީ އެސިސްޓަންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ، އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، އެސިސްޓަންޓް ކޮމިޝަަރު އަހުމަދު މުހައްމަދު (ޓޫފޯ)، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމެވެ.

އޭގެ ތެރެއިން މިއަދު ވަޒީފާއިން ވަކި ނުކުރުމަށް ހައިކޯޓުން އަމުރު ކޮށްފައިވަނީ ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އާދަމާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފުގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދެވެ.

މި ތިން އޮފިސަރުން މަގާމުން ވަކި ކުރުމަށް ފޮނުވާފައިވާ 10 ދުވަހުގެ ނޯޓިސް މިރޭގެ 12:00 އިން ހަމަވާނެއެވެ.

އޮފިސަރުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެއެވެ.

މި އޮފިސަރުން ތަމްސީލްކުރަނީ ދިވެހި ޗެމްބާސްއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ފުލުހުން ވަކިކުރާއިރަށް ކޯޓުން ވަކި ނުކުރަން އަންގަނީ. ފުލުހުންގެ މިނިސްޓަރުގެ ބާރެއް ނެތްކަމަށް ރައީސް އެންގުމަށްފަހު، ވަކި ނުވާކަމަށް އަންގަނީ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގި ދަޢުލަތް ތެޅިބާލަނީ. ކުރާނެ ނުކުރާނެ ކަމެއް ޤާނޫނެއް ޤަވާޢިދެއް ނޭނގި ޤާނޫނު ތަންފީޛުކުރަން އެންމެ އުހުގައި އުޅެންފެށީމަ ވާނެ ގޮތް މިވަނީ. އިބޫވެސް ހިއްޕަވައިގެން ހަމައިން ނައްޓަނީބާ؟ ހަމައިން ނެއްޓީމަ ވަކިކުރަނީ. ހަމަޔަށް އައީމަ ވަކިނުކުރަމޭ ބުނަނީ. ވެލިބަތްކައްކާ ކުޅެންއުޅޭ ދަޢުލަތް.

  2. އަހްމަދު

    ވަގުތީ އަމުރެއްތަ؟ ނޫނީ ދާއިމީ އަމުރެއްތަ؟ސާފުވާންޖެހޭ.

  3. އައްނި

    ސުވާލަކީ ހަމަ ރައްޔިތުންހޭ މިވެރިކަން ހަވާލްކުރީ ނޫނީ އީސީ ސަރީފޫ އާ ގުޅިގެން އެހެން ގޮތަކުންހޭ ރައްޔިތުންނޭ ވިސްނާ ފިކުރުކޮއްލަބަލަ ގައުމުމު މިނާނުކުރެވި މިދާކޮންމެ އަހަރަކީ ހަމަ އަންނަން އޮތް ޖީލުތަކައް ލިބޭ ގެއްލުމެއް ނޫންތޯ އަންނަން އޮތް ޖީލަކީ ހަމަ އަހަރެމެންގެ ކުދިންނޭ ވިސްނާލަބަލަ