ލ.ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބަންގްލަދޭޝް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ލ.ގަމު ލިންކްރޯޑުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ.

މިއެކްސިޑެންޓް ހިނގި އިރު ސައިކަލްގައި ދެމީހުން ތިއްބެވެ. ނަމަވެސް ސީރިއަސް ޒަހަމްތަކެއް ލިބުނީ ސައިކަލް ދުއްވަން އިން މީހާއަށެވެ. މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓްގައި އަނިޔާވި ސައިކަލް ދުއްވަން އިން މީހާގެ މޫނު ވަރަށް ބޮޑަށް މަށައިގެން ގޮސް އަނގައިންނާއި ނޭފަތުން ލޭ އަންނަމުންދާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލަތާއި ގުޅޭ ގޮތުން އަދި ހޮސްޕިޓަލްގެ ބަހެއް ނުލިބެއެވެ.

ގަމުގެ ލިންކް ރޯޑްގައި ޕާކް ކޮށްފައި އޮތް ވެހިކަލްތަކުގައި ފަހަތުން ގޮސް ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްތަކުގައި މިހާތަނަށް ދެމީހަކު ނިޔާވެފައި ވެއެވެ.