އިނގިރޭސިވިލާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވި ފަހުން ފެންނަނީ ކުރިން ފެންނަ ނަޝީދު ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އާދަމް ޝަރީފް ވިދާޅުވީ، މީގެ ކުރިން ނަޝީދު ވާހަކަ ދައްކަވަމުން ގެންދެވި ކަންކަމުގެ ރާގު ބަދަލު ކުރައްވައި، ވިސްނުންފުޅު ވަރަށް ބޮޑަށް ބަދަލުވި ތަން ފެނިގެންދާ ކަމަށެވެ.

"ރައީސް ނަޝީދު މި ފަހަރު ޔޫކޭއިން ވަޑައިގެންނެވިއިރު އެއީ އަޅުގަނޑުމެންނަށް ކުރިން ފެނުނު ރައީސް ނަޝީދެއް ނޫން، ވަރަށް ބޮޑަށް ބަދަލުވެފައި އެމަނިކުފާނު ހުންނެވީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އެއް މިސާލަކަށް ދެއްކެވީ އުތުރުތިލަފަޅު އެއްބަސްވުމުގެ މައްސަލައެވެ. މީގެ ކުރީގައި ނަޝީދު ވިދާޅުވަމުން ގެންދެވީ އެއީ މަޖިލީހަށް ކޮންމެހެން ޚިއްސާ ކުރަން ޖެހޭ ލިޔުމެއް ނޫން ކަމަށެވެ. އެކަމަކު މަޖިލީހަށް އެ ޚިއްސާ ކުރަން ޑިފެންސް މިނިސްޓްރީއަށް މިހާރު ވަނީ އަންގައިފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނެވި ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވި ނަމަވެސް މިހާރު މިސްރާބު ބަދަލުވެ ރައީސް ސޯލިހާއެކު ނަޝީދު ސިޔާސީ މަސައްކަތް ކުރައްވާ ކަން އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.

"އެއީ ދެން އަޅުގަނޑުމެންނަށް އެހާއެހާ އާކަންކަމެއް ވެސް ނޫން، ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވާއިރު، ބައެއް ހާލަތްތަކުގައި، ވާހަކަފުޅު ބަދަލު ކުރައްވާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއިން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފުރަތަމަ އޭޑީކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދަވައި، ގިނަ އޮޕަރޭޝަންތަކެއް ކުރިއެވެ. ދެން ޖަރުމަނާއި އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވައި ރާއްޖެ ވަޑައިގަތީ ފަސް މަސް ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    ރައީސް ސޯލިހު ނަޝީދުގެ ސައިޒް އޭނާއަށް ދައްކާލައިފިއޭ އެހެންވީމަ ޖެހޭނި އެއްބައިވާން ދޯ

  2. ވައްލަގުޑާ ދޫނި

    ސިޔާސީ ބޭފުޅުން ވާހަކަ ބަދަލުކުރައްވާނެ!
    މި ލިޔުމުގެ ހަގީގަތްތަކުގެ ތެރެއިން އެންމެ ބޮޑު ހަގީގަތް.
    އާދަމް ސަރ އަށް ރެސްޕެކްޓް!

  3. ނާދިރާ

    ތިޔައީ ހަމަ އެ. އެއްވެސް ތަފާތެއް ނެތް.

  4. ޜަނާ

    ރޭޒާފުކެއް ސިކުނޑިއަށް އަރާ ހުރިހާ ވިޔާނުދާ ކަންތައް ފިލީކަށްނޭގެ. ލާދީނީ ކަންތައް ފިލައިފިނަމަ ކިތައްމެ ހާވެސް ރަގަޅު.

  5. ހާބަނީ

    ނަޝީދު މިހާރު އިބޫސާލިހުގެ ވެރިކަމާއި ދެކޮޅައް ހުންނަވާކަން އެބަ އިހުސާސްކުރެވޭ.

  6. އުތުރު ތިލަފަޅު

    އުތުރު ތިލަފަޅަކީ ޕީ.ޕ.އެމް އިން ހިންގާފައިވާ ޖަރީމާއެއްކަން އެނގުނު ހިނދު އަޅުގަނޑު ވަރަށް މާޔޫސްވެއްޖެ. މިކަމުގައި ސާމިލްވާ ފަރާތްތކުން މިޤައުމުގެ ރައްޔަތުންނަށް އަގު ދައްކަންޖެހޭނެ. ކަންކަން ހާންމަވާ ގޮތަކަށް ބައްޓަން ކުރެވެންޖެހޭނެކަމަށް އަޅުގަނޑު ދެކެން. އާދަމް ޑިފެންސް މިނިސްޓަރަކަށް ހުންނަވާގެން ހިންގާފައިވާ ޖަރީމާއަކީ ޖީ.އެމް.އާރ އަށް އަންނި އެއާރޕޯޓް ދިން ވަރުގެ ޖަރީމާއެއް. މިކަންކަމަކީ ޤަބޫލުކުރެވޭނެކަމެއްނޫން. އިންޑިޔާއިން ބުނަނީ ކުރިން ކޮށްފައިވާ އެގްރީމެންޓާއި އެއްގޮތަށް މަސައްކަތްކުރާކަމަށް. އެއީ 2017 ގައި ޔާމީން ސަރުކާރުން ކޮށްފައިވާ އެގްރީމެންޓެއް. މަގޭ ޕާޓީ މަގޭ ޤައުމޭ ކިޔާފައި ހޅޭއްލެވީ ރައްޔިތުން ވާ ވައްދަންކަން މިހާރު އެންގިއްޖެ. ރަގަޅު އެއްބައެއްވެސް ނެޔް

  7. ނާޝިއު

    އިންގިރޭސިވިލާތުން އައީ މިހާރު އިބްރާހިމް މުހައްމަދު ސޯލިހަށް އިދިކޮޅު ކޮންޓުރޯލް ކުރުމަށް ދަތިވެގެން .. އަވައްޓެރި ބޮޑުބޭބެ އަންގައިގެން ވަކިކަންތައްތަކެއް ކުރުމަށް. މިކަމަށް ބޭނުންވާ، ފައިސާ އަވައްޓެރި ގައުމުގެ ބޭންކުން ބޭނުންވާއިރަކު ބޭނުން ގޮތަކަށް ހަރަދު ކުރުމަށް ހަމަޖެއްސުމާއި މިއަންނަ ރިޔާސީ އިންގިހާބު ނަސީދުއަށް ލިބޭނޭ ގޮތަށް އެއްބަސްވުމުން ބޮޑުބޭބެގެއެންގުމަޢް