ދީބާޖާ ކުންފުންޏަށް ބަދަލު ނަގައި ނުދިނުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި ތިންވަނަ ފަހަރުގެ އަޑުއެހުމެއް އަންނަ މަހު ފުރަތަމަ ދުވަހަަށް ތާވަލުކޮށްފިއެވެ.

މި މައްސަލާގައި މިހާތަނަށް ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދީބާޖާގެ ފަރާތުން ހުށަހަޅަން ބޭނުންވާ އިސްތިއުނާފީ ނުކުތާތައް ވަނީ ހުށަހަޅުއްވައިފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ރަޝީދެވެ. ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.

ސުޕްރީމް ކޯޓުގެ މަރުހަލާގައި އެންމެ ފުރަތަމަ ދީބާޖާއަށް ބަދަލު ދޭން ހުކުމްކޮށްފައި ވަނިކޮށް، އެ ކޯޓުގައި މައްސަލަ އަލުން ރިވިއުކޮށް ބާތިލްކުރިއެވެ. އެކަމަކު އެ ހުކުމް ބާތިލް ކުރީ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ދީބާޖާއަށް ދީފައެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރިއެވެ.

އެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން 2019 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. ސިވިލް ކޯޓުގެ ހުކުމް އެގޮތަށް އައީ ދީބާޖާ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ނަގައި ދިނުމަށް އެދިފައިވަނިކޮށެވެ.

ދީބާޖާއަށް ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރުމާ ގުޅިގެން، މި ސަރުކާރުން ކޯޓުން ބޭރުގައި މައްސަލަތައް ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމިޓީން ވަނީ ދީބާޖާއާ އެކު މަޝްވަރާކޮށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ލަފައާއި އެ ގޮތަށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމެވިއެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރައްވައި އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ބަންޑާރަ ނައިބަށް އެމަނިކުފާނު އެންގެވީ މިދިޔަ ޖެނުއަރީ މަހުއެވެ.

މި މައްސަލައިގެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅައި މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ބަންޑާރަ ނައިބު ހާޒިރު ކުރުމަށް ފަހު އެ ކޮމިޓީން ވެސް އެ ގޮތަށް ލަފާ ދިނުމުންނެވެ.

މި މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމަށް ރުޖޫއަވެ ދީބާޖާއިން ބޭނުންވާނަމަ އަލުން އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ބެލުމަށެވެ.

ދީބާޔާއަށް ބަދަލުދޭން ރައީސް ސޯލިހްގެ ސަރުކާރުން މިހާރު ދެކޮޅު ހެދިނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ދެބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމައެކަނި ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައި ވެއެވެ.