އިހަވަދިއްޕޮޅުގައި އާގުބޯޓަށް ހިދުމަތް ފަހިކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އެ ގަރާރުގައި ސަލީމް ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުވެ، ދުނިޔޭގެ އިގްތިސާދަށް އައި ބަދަލުގެ އަސަރުކޮށް ރާއްޖޭގެ އާމްދަނީ ބޮޑުތަނުން ދަށްވިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އިގްތިސާދު އެ ސިނާއަތަކަށް ބަރޯސާވާ ފަތުރުވެރިކަމަކީ މިފަދަ ކަންކަމުގެ އަސަރުވަރަށް ބޮޑަށް ކުރާ ސިނާއަތަކަށް ވުމާއި އެކު ދިވެހިރާއްޖޭގެ އިގްތިސާދީ ރޭވުންތެރިކަން އައު ވިސްނުންތަކަށް ބައްޓަން ކުރުމުގެ މުހިއްމުކަން ބޮޑުކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 ގެ އިތުރުން ގަލްފު ހަނގުރާމައިގެ ތެރޭގައިވެސް، އަދި 9/11 ގެ ތެރޭގައިވެސް ރާއްޖެވަނީ އެކަން ތަޖުރިބާކޮށްފައިކަން ފާހަގަކޮށް ސަލީމް ވަނީ ފަތުރުވެރިކަމަށް އެކަނި ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސަލީމްގެ ގަރާރުގައި ވަނީ ރާއްޖެއަކީ ދުނިޔޭގެ ހުޅަނގާއި އިރުން މުދާހިފައިގެން ދަތުރުކުރާ އާގުބޯޓުފަހަރު ނުވަތަ އިޔަސަންޓް ޕެކެޖުގެ މަގުތަކެއް އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ، ކާގޯ ބޯޓުފަހަރު ރާއްޖެ ހުރަސްކޮށް ދަތުރުކުރާ މަޝްހޫރު މަގުކަށް ވެފައި އޮތުމުން މިކަމުން ރާއްޖެއަށް ހޯދެން އޮތް ނަފާ ހޯދިދާނެކަމަށެވެ. އަދި ބޭރުގެ އާގުބޯޓު ފަހަރަށް މިފަދަ ޚިދުމަތް ދެވޭނެ ނިޒާމެއް މިގައުމުގައި މިހިނދުން މިހިނދަށްވެސް ގާއިމު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް ސަލީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ މުދަލުގެ އަގު ވަނީ އެތައް ތަނަކުން އުފުލިގެން ގޮސްފައި ކަމަށާއި ދިވެހިރާއްޖޭގެ ކައިރިން ދަތުރުކުރާ އާގުބޯޓު ފަހަރުގެ އަދަދު ކޮންމެ އަހަރަކު ހާހުން ހާހުން ގުނައިލެވޭ ކަމަށް އެ ގަރާރުގައި ވެއެވެ. އަދި އެ ބޯޓުފަހަރުން ގެންދެވޭ މުދަލުގެ އަގު ބިލިޔަނުން ބިލިޔަނުން ހިސާބުކުރެވޭއިރު، އެ ސިނާއަތުގެ މަންފާ ހޯދަން މަސައްކަތް ނުކުރެވޭކަން ސަލީމް ފާހަގަކުރެއްވިއެވެ.

އެއާއި ހިލާފަށް އަވަށްޓެރި ގައުމުތަކުގައި އެކި ފެންވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރުތައް ތަރައްގީ ކުރަމުން ފުޅާކުރަމުންދާކަމަށް ވެސް ސަލީމް ހުށަހެޅުއްވި ގަރާރުގައިވެއެވެ. އެ ކަމުގެ ސަބަބުން މި ސަރަހައްދުގެ ގައުމުތައް ކަމަށްވާ ޕާކިސްތާނާއި އީރާނާއި އިންޑިޔާ އާއި ސްރީލަންކާގެ އިގްތިސާދަށް ރަނގަޅު ކުރިއެރުމެއް އައި ކަމަށާއި ދިވެހިރާއްޖެއަކީ، މިދެންނެވި ގައުމު ތަކަށްވުރެން ބޮޑަށް އެ ސިނާޢަތުން ރާއްޖެ އަސް މަންފާ ހޯދަން ފަސޭހަ ވާނެ ކަމަށް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. ޓްރާންސްޝިޕްމަންޓެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހެދުމަށް ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ބޭނުންވާ ކަމަށާއި މާލީ ގޮތުން އެކަން ނުވި ނަމަވެސް މިހިނދުން މިހިނދަށްވެސް ކުރެވިދާނެ ކަންކަން އެބަހުރިކަމަށް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ބޯޓުފަހަރު މަޑުކުރުވައި ކޮންޓޭނަރުތައް ބާލައި ގުދަންކުރުމާއި ބޯޓުފަހަރު ޑޮކްކުރުމުގެ ހުރިހައި ކަމެއް، ނުކުރިޔަސް އިހަވަންދިއްޕޮޅަކީ ފަޅުވެރިން ބަދަލުކުރެވޭ ޕޮއިންޓަކަށް ހެދިދާނެ ކަމަސާއި ބޯޓުފަހަރަށް ތެލާއި އެފަދަ އެނޫންވެސް ޕްރޮވިޝަން ސަޕްލައިކޮށް ލޯޑްކުރެވޭ ޕޮއިންޓަކަށް ހެދިދާނެ ކަމަށް އެ ގަރާރުގައި ވެއެވެ. އަދި އާގުބޯޓުފަހަރުގައި ފަޅުވެރިން ބަދަލުކުރުމާއި ސަޕްލައި ލޯޑްކުރުމާއި، ސެކިއުރިޓީ ޚިދުމަތާއި ބަންކުރިންގ ޕޮއިންޓަކަށް އިހަވަންދިއްޕޮޅު ހަދައިފިނަމަ އެ ހިދުމަތް ގިނަ ބަޔަކަށް ލިބޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. މިކަމަށް ބިލިޔަން ޑޮލަރުގެ ބަނދަރަކާއި ބޮޑެތި ކެރޭނުތަކާއި ބޮޑެތި ބޮޑެތި ތެޔޮ ތާނގީތަކާއި ގުދަންތަކެއް ބޭނުމެއް ނުވާ ކަމަށާއި މިއީ ނިސްބަތުން ވަރަށް ކުޑަ އިންވެސްޓްމަންޓަކާއި އާދައިގެ ކުޑަ އޮނިގަނޑަކުން ފެށިދާނެ ކަމެއް ކަމަށް އެ ގަރާރުގައި ވެއެވެ.

މިހާރުވެސް ކަސްޓަމާއި އިމިގްރޭޝަނާއި ސިފައިންގެ ޚިދުމަތް ދެވޭނޭ ވަސީލަތް އުލިގަމުގައި ގާއިމްކޮށްފައި އޮތުމާއި، އެ ސަރަހައްދުގައި ތިން އެއާޕޯޓް އޮތުމާއި، އެ ސަރަހައްދުގެ ރަށްރަށުގައި ގެސްޓްހައުސް ހުރުން ފަދަ ކަންކަމުގެ ސަބަބުން އެ މަސައްކަތަށް ފަސޭހަ ވާނެ ކަމަށް ވެސް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. އެހެންވީމާ ފަޅުވެރިން ބަދަލުކޮށް އެމީހުން ފުރުވާލުމާއި ގެނައުމާއި ސަޕްލައި ފޯރުކޮށްދިނުމާއި ސެކިއުރިޓީ ޚިދުމަތާއި، ބަންކުރިން އަކީ ދިވެހިންނަށް އަމިއްލަ މަސައްކަތަކުން ފެށިދާނޭ ކަމެއްގެ ގޮތުގައި ސަލީމް ފާހަގަކުރައްވައެވެ. އެހެންކަމުން އެ ކަންކަމަށް މަޖިލީހުން ސަރުކާރުގައި ދަންނަވައި ބާރުއަޅައިގެން ކުރިއަށް ގެންގޮސްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.