ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށާއި، އެކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވެ، އާމްދަނީ ހޯދުމުގެ ފުރުސަތުތައް އަންހެނުންނަށް މަދުވެގެންދާ ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެހެން ވިދާޅުވީ ހަތަރު ވަނަ ގްލޯބަލް ވޯޓާ އޮޕަރޭޓާސް ޕާޓްނާޝިޕްސް ކޮންގްރެސްގައި ތަގްރީރު ކުރައްވަމުންނެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވީ އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެއް ކަމަށެވެ.
ޔުނިސެފުން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.42 ބިލިއަނަށް ވުރެ ގިނަ މީހުން، އެއީ 450 މިލިއަން ކުޑަކުދިން ހިމެނޭގޮތަށް، ދިރިއުޅެމުން ދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބިއެވެ. މާނައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބެއެވެ.
އެ ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރުދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރަން ޖެހިފައިވާ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކޮންމެ ދުވަހަކު 200 މިލިއަން ގަޑިއިރު ފެން ނެގުމުގައި ހޭދަކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިންނެވެ.
"މީގެ ސަބަބުން ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރުމާއި ބަރުކޮށް އެއްޗެހި އުފުލުމާއި އަދި ބައެއް ހާލަތްތަކުގައި އަނިޔާގެ ނުރައްކާ އެމީހުންނަށް ކުރިމަތިވޭ. މިކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވެ، އާމްދަނީ ހޯދުމުގެ ފުރުސަތުތައް އަންހެނުންނަށް މަދުވެގެންދޭ" ވިދާޅުވިއެވެ.
"އެއްވެސް ހަމައެއްގައި މިކަމެއް ރަނގަޅެއް ނޫން. މިކަންކަމުން އަރައިގަންނަން މަސައްކަތްކުރަން އަޅުގަނޑުމެން އެބަޖެހޭ" އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވަމުން ގެންދަވާ ޝާހިދު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާއާ ގުޅުންހުރި އިންފްރާސްޓްރަކްޗާ އަދި ހިދުމަތްތައް ބަލަހައްޓައި ތަރައްގީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުރިހާ ފަންތިއެއްގެ އެއްބާރުލުމަށް ޝާހިދު އެދިވަޑައިގެންނެވިއެވެ.
ފެނަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވެފައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމާ ގުޅިފައިވާ ކަމެއް ކަމަށާއި ފެނުގެ މައްސަލަތަކަށް ހައްލުތަކެއް ނުގެނެސް ތައުލީމަށާއި ވަޒީފާއަށާއި ސިއްހީ ހިދުމަތަށް އަދި ތިމާވެއްޓަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމުގެ ހައްގު ޒަމާނުއްސުރެ ނިގުޅައިގަނެފައިވާ މުޖުތަމައުތަކަށް ވަސީލަތްތަކާއި ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.
ދެން އެމީހުން ފެންބަލާދާއިރު ދެ މުސާރަ ނަގައިގެން ކަލޭ ތި އިންނަނީ ކީއްވެ! އެއިން މީހަކަށް ދުވަހަކުވެސް ފަސޭހައެއް ކޮށްދިނިންތަ؟ ކާޕެޓްވަގު................
ދެން ކަލޭ އެމީހުން ގެތަކަށް ފެން ހޮޅި އަޅަންވީއެއްނު، ހައްތާވެސް ހޮޅި ވާހަކަ ދެއްކުން ނޫން ކަމެއް ނެތް،