އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ ޚިޔާލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހޯއްދަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި ބަޖެޓް އެކުލަވާލުމުގެ ގޮތުން، އެމްޑީޕީގެ 65 މަޖިލިސް މެންބަރުންނާ ރައީސް ސޯލިހް ބައްދަލު ކުރެއްވީ ސިލްސިލާކޮށް އެކި މެންބަރުންނާ އެކު އެކި ދުވަހު ކަމަށެވެ.

މި ގޮތުން ރޭ އޭގެ ފަހުން ބައްދަލުވުން ބޭއްވިއިރު، މައިގަނޑު ގޮތެއްގައި ބައިވެރިވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ދާއިރާތައް ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރުންނެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، ބަޖެޓްގައި ހިމަނާނެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކާ ގުޅޭ ގޮތުން މެންބަރުންނާ އެކު މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ބަޖެޓްގައި ލަފާކޮށްފަައިވާ ޚަރަދާއި، ދައުލަތަށް ލިބޭނެ އާމްދަނީއާއި، ޚަރަދުތައް ފައިނޭންސް ކުރަން ސަރުކާރުން ރާވާފައިވާ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައި، އެމްޑީޕީ މަޖިލިސް މެންބަރުންގެ ޚިޔާލު ހޯއްދެވި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހާމަ ކުރައްވާފައިވާ ގޮތުގައި، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީގެ "މެދު ރާސްތާގެ ފިސްކަލް އަދި ސްޓްރެޓަޖީ" ރިޕޯޓް ދައްކާ ގޮތުން އަންނަ އަހަރު ދައުލަތުން ހަރަދުކުރާނެ ކަމަށް ލަފާކޮށްފައިވަނީ 33.8 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓުގެ ހަރަދުގެ 21 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީއަށް 7.1 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 23.6 ބިލިއަން ރުފިޔާއެވެ. ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 14.7 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރު 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާއިރު، މި އަހަރަށް ލަފާކުރީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަށުމީހާ

    ވަކި ޕާޓީއަކަށް ނިސްބަތްވެލައްވާ މެންބަރުންގެ ޚިޔާލުހޯދަނީ އެއީ އެބޭފުޅުން ނިސްބަތްވެލައްވާ ފައިސާއެކަނިތޯ އޭގެބަދަލު ރަށްޔިތުންގެ
    ޚިޔާލުހޯދުންމާމުހިއްމުނޫންތޯ މީގައި ހުރިހާރަށްޔިތުންގެ ޓެކްސްފައިސާވެސް
    ހިމެނޭނެ މަޖިލީހުގެ މެޖޯރިޓީމިހާރުއޮތްގޮތުން ނިމޭނެގޮތްއެނގިލައްވާނެ
    މިއަށްވުރެވެސް ބަޖެޓްބޮޑުކުރަންބޭނުންވަނީތޯ ބޮޑުކުރަންބޭނުންވާނަމަ މަޖިލީހުގެ ރުހުންލިބޭނެ ނަމަވެސް ހުރިހާ ދިވެހިރަށްޔިތުންނަށް ކުރާނެފައިދާއަކީ ކޮބައިތޯ؟ ވައްކަމުގެއަޑު ވަރަށްގިނައިންއިވޭ އެހެންކަމަށް
    ވާނަމަ ........