ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ރައްޔިތުން މަޖިލިސް ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޫންޏެއްގެ ގޮތުގައި ސިފަކުރެއްވުމަށް ފަހު، އެމަނިކުފާނަށް ދައުލަތުގެ ބަޖެޓުން ކުރަމުން ގެންދާ ބޮޑު ހޭދަ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ 2022 ވަނަ އަހަރުގެ ބަޖެޓު ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރައްވަމުން ޝިޔާމް ގައުމުގެ މާލިއްޔާއިން ސަރުކާރުން ކުރާ އެއްވެސް ކަމެއް ރައްޔިތުންނަކަށް ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ފެންނަނީ މާލިއްޔާ ހުސްވާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ޝިޔާމް ވަނީ ނަޝީދަކީ އިނގިރޭސިވިލާތުން ހިޖުރަކޮށްފައިވާ ދޫންޏެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ނަމަވެސް ނަޝީދުގެ ނަމެއް ޝިޔާމް ވިދާޅެއް ނުވެއެވެ. ޝިޔާމް ވިދާޅުވީ އިނގިރޭސިވިލާތުން އައި ދޫނީގެ ފިޔަ ސަރުކާރުން ކޮށާލަން ރައްޔިތުން ނޭދޭ ކަމަށެވެ.

"އެކި މޫސުމުގައި އެކިކަހަލަ ދޫނިި އަންނާނެ. ޔޫކޭ އިން ވެސް އެބައާދޭ ދޫނި. ހަމަ މޫސުމީ އެއްޗެހި. އިއްޒަތްތެރި ރައީސް އަޅުގަނޑުމެން ނޭދެން ސަރުކާރުން ފިޔަ ކޮށާކަށް. ސަރުކާރުން މި ދޫނި ބަންނާކަށް، އަނގަމަތީގައި ޓޭޕް އަޅާކަށް އަޅުގަނޑުމެން ނޭދެން. ރައްޔިތުން ހަމަ ނޭދޭ އިއްޒަތްތެރި ރައީސް، މި ދޫނި ބަލަހައްޓަން މާ ބޮޑު ހޭދައެއް ރައްޔިތުންގެ ފައިސާއިން ކުރާކަށް ވެސް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަތަކަށް ފަހު ހިނިތުންވެ އިންނަވައިގެން ނަޝީދު ވަނީ ޝިޔާމަށް ޝުކުރު އަދާކުރައްވާފައެވެ. "ހިތަށް އުފާވެރިކަން ލިބޭ ދެން އަޅުގަނޑު އަމިއްލަ އަކަށް މިކަމުގައި ޝާމިލު ވީކަމަށްވެސް، އެހެންނަމަވެސް ދޫންޏެއްގެ ގޮތުގައި ސިފަކުރައްވާތީވެ ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."

ނަޝީދަށް ދިން ނިރުބަވެރި ހަމަލާއަށް ފަހު ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވާފައި އެނބުރި ރާއްޖެ ވަޑައިގެންނެވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެން ހުންނަވަނީ މާލޭގެ އެންމެ އަގުބޮޑު އެއް ހޮޓާ ކަމަށްވާ ހޮޓެލް ޖެންގައެވެ. އެތަނުގެ އެއްފަންގިފިލާ އެއްކޮށް ނަޝީދަށް ހާއްސަ ކޮށްފައިވާ ކަމަށް ވެއެވެ. އެކަމަށް ހަރަދު ކުރަނީ ދައުލަތުންނެވެ.

ނަޝީދަށް ދައުލަތުން ބޮޑު ހަރަދެއް ކުރާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢިޔާބު

  އޮސްޓްރިޗެއްތަ ޝިޔާމޫ. ގުޑުގުޑާ ދޫނިތަކެއް އެބަ އޅޭ ހިޖުރަ ކޮށްގެން. އޭގަ އިނގިއްޔެއް ހުރޭތޯ ބަލާލަބަލަ.

 2. ކާފަ

  ގުޑުގުޑާ ދޫންޏެއްދޯ

 3. ޢަހު

  މީ ސަލްވާ ދޫންޏެއްތަ؟

 4. އަބުދުﷲ

  ސިޔާމު ފުރަތަމަ އަމިއްލަ މުސާރަ ކުޑަކުރާ ވާހަކަ ދައކަބަލަ. !!!!!! ތިހުރހާ ނުބައިވެގެންވީ ނާޖާއިޒު އިނާޔަތާ މުސާރަތަކުގެ އަސްލަކީ މަޖިލިސް މެމްބަރުންގެ މުސާރަ.

  2
  3