ރާއްޖޭގެ މީޑިއާތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިގޮތަށް ވިދާޅުވީ އޮޑިޓަރ ޖެނެރަލް އޮފީހުގެ 2022 ވަނަ އަހަރުގެ ބަޖެޓު ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ. އެހެންނަމަވެސް މީޑިއާތައް އޮޑިޓް ކުރުމަށް ގޮވާލާ ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ. ޖާބިރު ވަނީ މީގެ ކުރިން ވެސް މީޑިއާ އަށް ފައިސާ ލިބެނީ ކިހިނެތްތޯ އާއި މީޑިއާތަކަށް ވަކިގޮތަކަށް ހަބަރު ލިޔަން މަޖުބޫރުކޮށް ނުވަތަ ޝަރުތުކޮށް ފައިސާދޭތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޖާބިރު ވަނީ އޮޑިޓަރ ޖެނަރަންގެ އޮފީހުގެ މަސައްކަތްތައް ކުރި ނަމަވެސް އެކަމުން ލިބޭ ފައިދާއެއް ނެތް ކަމަށް ސިފަކުރައްވާފައެވެ. އޭނާ ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ އޮޑިޓްތަކުގެ ސަބަބުން މިހާތަނަށް އައި އިރު ދައުލަތަށް ލިބުނު ފައިސާ އެއް ނުވަތަ އަނބުރާ ލިބުނު މުދަލެއް އެބަހުރިތޯ ސުވާލު އުފައްދާފައެވެ.

"އޮޑިޓަރ ޖެނެރަލް އޮޑިޓްކޮށް ވަރުބަލިވެއްޖެ. ވާކަމެއް ނެތް. ރައީސުލްޖުމްހޫރިއްޔާގެ ކާރު ހަޑީތޯ. ދީފަ ތިބި ވަޒީރުން މަދީތޯ؟ މި މަޖިލީހުގައި މީހުން މަދީތޯ؟ ރައީސް ނަޝީދު ކުޑައީތޯ؟ ކީއްވެގެންތޯ އޮޑިޓަރ ޖެނެރަލް އޮޑިޓް ކުރެއްވީމަ ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރަނީ." އޭނާ ވިދާޅުވިއެވެ.

ޖާބިރު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އަކީ ހިނގި ކަމެއްކަން ސާފުކޮށް އެނގެން އޮތް އިރު އެ މައްސަލައިގައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދޭނީ ކޮން އިރަކުންތޯ ސުވާލު އުފައްދާފައެވެ. މީގެ އިތުރުން އެ މައްސަލަ އާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މުދާތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓުއަރިރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު ނުގަވާއިދުން ދީފައިވާ ފަޅު ރަށްތައް އަތުލެވިފައި ނުވާތީ އެކަމާއި މެދުގައި ވެސް ޖާބިރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ކޮންހާ ވާހަކައެއް ދައްކާކަށް؟ ކަލޭ މީހުންގެ ފައިސާ ނުދީ ހިފަހައްޓާފަ އެއިން ކުރާ ހަރާމް ވިޔަފާރި ފުރަތަމަ އޯޑިޓް ކުރަން ޖެހެނީ. ކަލޭ އަތުގަ ފައިސާ ހުރީމަ މިތަނުގަ ކަލޭގެ އޮޑިޓް ނުހިނގަފާނެ. އެކަމަކު ހަނދާން ކުރާތި ، ކަލޭގެ އޮޑިޓްވެސް ކުރެވޭނެ ދުވަސް އަންނާނެކަން

  2. ާައަހުމަދު

    އަޑުތަށް އިވޭގޮތުގަ މިގައުމުގެ ހުރިހާ މީޑިއާއެއް އޮތީ ސަރުކާރުގެ ކޮންޓްރޯލްގަޔޯ އެއީ ތެދެއްބާ؟

  3. ޙިމާޒް

    ކަލޭގެ ސިކުނޑީގެ ނާރުތައް އޮޑިޓުކުރަންދޭބަލަ..؟

  4. ލަތާ

    ނޫސްތައް އެކަންޏެއް ނޫން. ޖާނަލިސްޓުންނާއި ސޯޝަލް މީޑިޔާ އެކްޓިވިސްޓުންނަށްވެގެން ނަމުގައި ވެގެން ތިބެ ގައުމަށް ގައްދާރުވެ އެކި ގައުމުތަކަށް ޖާސޫސް ކޮށްދީގެން ކައިގެން ބޮއިގެން އުޅޭ މީހުންނަށް ލާރި އަންނަ ގޮތްތައް ބަލާ އެމީހުންނަށް ދައުލަތުން ދައުވާކޮށް ބޮޑެތި ހަރުކަށި އަދަބުތަކެއް ދޭންވީ. މިގައުމުގެ ސަލާމަތާއި އިސްތިގުލާލަށްޓަކާ ވެސް މިކަން އެބަކުރަންޖެހޭ