ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް، އއ. ތޮއްޑޫއަށް މިއަދު ވަޑައިގެންފިއެވެ.

ދަނޑުވެރިކަމަށް މަޝްހޫރު ތޮއްޑޫއަށް ރައީސް ވަޑައިގެންނެވުމުން ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރައީސަށް މަރުހަބާ ދަންނަވަން ރަށުގެ ގިނަ ރައްޔިތުންތަކެއް ބަނދަރު ސަރަހައްދަށް ޖަމާވިއެވެ.

އެމަނިކުފާނު ވަނީ ތޮއްޑޫ ބަނދަރުގެ ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ރަށުގެ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ގެސްޓު ހައުސް ހިންގަ ފަރާތްތަކުގެ ކަންބޮޑުވުންތައްވެސް ރައިސް ވަނީ އޮޅުން ފިލުއްވާފައެވެ. އަދި ކައުންސިލްއާ އެކުވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. ރައީސަށް ބޮޑު ތާއިދެއް އޮންނަ ތޮއްޑޫ ކައުންސިލްގައި އެއް މެންބަރަކު ފިޔަވާ ދެން ތިއްބަވާ ކައުންސިލަރުންނަކީ އެމްޑީޕީގެ ކައުންސިލަރުންނެވެ.

ތޮއްޑޫއަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށެއް/ ފޮޓޯ: ރައީސް އޮފީސް

ތޮއްޑޫއަށް ފަހު ރައީސް ދެން ވަޑައިގަންވަންނަވާނީ ރަސްދޫއަށެވެ. އެއަށް ފަހު، އުކުޅަހަށާއި، މަތިވެރިއަށާއި، އަދި ބޮޑުފޮޅުދޫގެ އިތުރުން ހިމަންދޫއަށް ރައީސް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށާއި، ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.