ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލައިގައި ފިޔަވަޅު އަޅާފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެގެ ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އަފީފް ވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށް ވެންޓިލޭޓަރު ދިން މައްސަލަ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބެލި ނަމަވެސް އެ މައްސަލައިގައި އުންސުރު ހަމަ ނުވާކަމަށް ބުނެ ފިޔަވަޅު ނޭޅި ވާތީ ޝަމީމް އަށް ފާޑު ވިދާޅުވެފައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ އޮޑިޓްތަކުގައި އިސްލާހުކުރަން އަންގާ ކަންކަން އިސްލާހުކޮށް ފިޔަވަޅު ނޭޅުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް އަފީފް ވަނީ ވިދާޅުވެފައެވެ.

"ޕްރޮސެކިއުޓަރ ޖެނެރަލް އަކަށް އޭގައި އުންސުރު ހަމަ އެއް ނުވި. އަޅުގަނޑަށް ނޭނގެ ޕްރޮސިއުކޓަރ ޖެނެރަލް އުންސުރު ހަމަނުވަނީ ކަމެއް. މި ދަންނަވާ ރިޕޯޓްގެ އުންސުރު ހަމަ ނުވީ ކަމެއް." އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަންނަން ދިވެހި ސަރުކާރުން ފައިސާ ދެއްކި ނަމަވެސް އެ ތަކެތި ލިބިފައި ނުވުމުން އެއަށްވާ ފައިސާ، 31 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ސަރުކާރުން ވަނީ އަންގަވާފައެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ ދެމެދު އެއްބަސްވެ، އެ ތަކެތި ގެންނަން އެ ކުންފުންޏާ ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެނައުމަށް ކަމަށް ވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެވުނީ އެންމެ 15 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން 65 ވެންޓިލޭޓަރު ނުލިބެއެވެ.

މި މައްސަލަ ފުރަތަމަ ތަހުގީގުކުރުމަށް ފަހު އެކަން ހިނގި އިރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަމީން އަބްދުﷲ އާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ މައްސަލަ އަލުން އަނބުރާ ފޮނުވާލުމަށް ޕީޖީ އިން ވަނީ ނިންމަވާފައެވެ.

މި މައްސަލަ އާއި ގުޅިގެން އޭސީސީން ވަނީ މައްސަލަ ފޮނުވީ ދައުވާ ކުރެވޭ ވަރަށް ހެކި ކުރި ކަން ޔަގީން ކުރުމަށް ފަހު ކަމަށްފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ދެ ފަހަރެއްގެ މަތިން ޕީޖީ އޮފީހުން އެ އޮފީހުގެ ނިންމުން ރިވިއު ކުރަން ނިންމި ނަމަވެސް އެ ދެ ފަހަރު ވެސް ޕީޖީން ނިންމީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަށެވެ. ޕީޖީ އިން ވަނީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން އޭސީސީއަށް އަންގާފައެވެ

ސަރުކާރުން ވަނީ ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުން ބާތިލްކުރުމަށް މިދިޔަ މެއި ދެވަނަ ދުވަހު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ނޯޓިސް ފޮނުވައިފައެވެ. އެޓާނީ ޖެނަރަލް (އޭޖީ) ގެ އޮފީހުން އޭރު ނެރުނު ބަޔާނެއްގައި ބުނީ އެޑްވާންސް ޕޭމަންޓް ނިންމާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުންޏަސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެންޓިލޭޓަރުތައް ނުލިބޭތީ އެއްބަސްވުން ބާތިލް ކުރަން ބޭނުންވާ ކަމަށެވެ

ވެންޓިލޭޓަރު ހިޔާނާތުގެ ތަހުގީގު ލަސްވެފައި ވާއިރު ދައުވާ ނުއުފުލަން ޕީޖީ އޮފީހުން ނިންމާތީ އާއްމުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖާދޫ

    ކުރިސް ދި ސަރާބް ބާއީ ގެ އެކައްޗެއްވެސް ހަމަވޭބާ

  2. ޙަމާދު

    ޗީސަސް ކުރައިސްޓް.. ވެޔާ އިޒް އުންސުރު.

  3. އަބުދުﷲ

    ވަކިވަރަކަެއްވުރެ ބޮޑައް ލަދުހަޔާތް ކުޑަވެފަ ވަޒީފާ ގެއްލިދާނެތީ މިތިބެނީ އުންސުރައްވުރެ މާދިގު މުސާރަތީ. މުސާރަ ދޭތީ. 10 ހާސް ރުފިޔާ އައް މުސާރަ ހަދާ އިރައް އުންސުރު ހަމަވެ ވަޒީފާ ގެއްލިދާނެތީ ގަންނަ ބިރު ނެތި އަމާނާތްތެރި ކެރޭ ހައްގައް ބަސްބުނާ މީހުންނައް ބަދަލުވާނެ.

  4. ޫއުކުޅަސް ނުހާ

    އޭނަގެ ހަމަތަ އެއްވެސް ކަމެއް؟