ކޮވިޑް-19ގެ ވޭދަނަތައް ފެނި މިއަދު އެކަނިވެސް ތިން ރަށެއް ބަންދުކޮށްފިއެވެ.

މިއަދު ބަންދު ކުރި ތިން ރަށަކީ ބ. ގޮައިދޫ އާއި ނ.ހޮޅުދޫ އަދި މ.މުލަކެވެ.

ގޮައިދޫ ކައުންސިލް ނައިބް ރައީސް މުހައްމަދު ނާފިޒް ވިދާޅުވީ އެރަށް ބަންދުކޮށްފައި ވަނީ އެރަށުން ބަލީގެ އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދެއްކި މީހަކު ފައްްސިވެ، ފަހުން އެ މީހާއާ ގާތުން އެއްތާވި އިތުރު ބަޔަކު ފައްސިވުމުން ކަމަށެވެ. އެގޮތުން މިހާތަނަށް އެރަށުން ހަތް މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެެއިން ދެ މީހަކު ފައްސިވީ މިއަދުއެވެ.

އެ މީހުންނާއި ގާތުން އެއްތާވި 60 އަށްވުރެ ގިނަ މީހުން ފާހަގަވެފައިވާ ކަމަށް ނާފިޒް ފާހަގަކޮށްފައި ވެއެވެ.

ނ. ހޮޅުދޫ ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން ބަލީގެ އަލާމަތްތައް ހުރެގެން ނެގި ސުންކުތަކަކާއި، ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންވެސް ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއަދު ހެނދުނު 11:15 އާއި ހަމައަށް އެރަށުން އަލަށް ހަ ވޭދަނަ ފެނިފައި ވެއެވެ. އަދި މިހާރު އެރަށުގައި ޖުމްލަ ފައްސިވެފައިވާ 10 މީހަކު އެބަތިއްބެވެ.

މ. މުލަކަށް ބަލާއިރު، އެރަށުން މިހާތަނަށް 32 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. ފައްސިވި 32 މީހުންގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދައްކައިގެން ފައްސި ކަމަށް ދެއްކި ނުވަ މީހަކާއި، ފައްސިވި މީހުންނާއި ގާތުން އެއްތާވި 23 މީހެކެވެ.

މިއަދު ބަންދު ކުރި ތިން ރަށާއެކު، މިހާރު ކޮވިޑް ފެނިގެން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ15 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޓޯ

    ކޮވިޑަކީ މިހާރު އެއްވެސް އެއްޗެއް ނޫން...