ހުޅުމާލޭގައި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް އަޅާނެ ބަޔަކު ހޯދުމަށް މި އަހަރުގެ ޖުލައި މަހު ކުރި ޓެންޑަ ފަރުމާކުރެވިފައި ވަނީ އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ރާއްޖެއަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ވިދާޅުވެ އެ މަޝްރޫއުއާ ގުޅުން ހުރި ފަރާތްތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެދިވަޑައިގަންނަވައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީގައި ހައިތަމް ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް އަޅާނެ ބަޔަކު ހޯދުމަށް މި އަހަރުގެ ޖުލައި މަހު ކުރި ޓެންޑަ ފަރުމާކުރެވިފައި ވަނީ އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ރާއްޖެއަށް ގެއްލުން ލިބޭނެ ގޮތަކަށް ކަން އެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުން އޭނާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް އެޅުމުގެ ޓެންޑަރ ފަރުމާކުރެވިފައި ވަނީ ޓްރީޓް ނުކުރާ ނަޖިސް ކަނޑަށް ދޫކޮށްލެވޭ އަދި ޓްރީޓް ކުރެވިފައިވާ ފެން ފަށަލަ (އެކުއަޔަ)ގެ ތެރެއަށް ދޫކޮށްލެވޭ ފަދަ ގޮތަކަށް ކަމަށް އެފަދަ ފަރާތްތަކުން ބުނާކަމަށް ހައިތަމް ވަނީ ވިދާޅުވެފައެވެ.

އެ މަޝްރޫއުގެ ޓެންޑާގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތުގެ އިތުރުން ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުގެ ހާލަތަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ހައިތަމް ވިދާޅުވިއެވެ. އަދި އެކަން ކުރުމުގައި އިންސާނުންނާއި އެހެނިހެން ދިރޭތަކެތީގެ ސިއްޙަތަށް ރިޢާޔަތް ކޮށްފައި ނުވާ ކަމަށް ހައިތަމް ވިދާޅުވިއެވެ.

މި މަޝްރޫއު ހިންގުމަށްޓަކައި ވޯލްޑް ބޭންކުން މާލީ އެހީ ކަނޑައަޅާފައި އޮންނަތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފާއިތުވެފައިވާ އިރު ވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އޮތުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ދަށްވެފައިވާ ދަނޑިވަޅެއްގައި، އެހީދޭ ބައިނަލްއަގްވާމީ ފަރާތްތަކުގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވަރު ގޯސްވެދާނެ ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ސުވޭޖް ޓްރީޓްމަންޓުގެ ނިޒާމުތަކުގެ ގޮތުގައި ބޭނުންވަނީ ރާއްޖެއަށް އެންމެ އެކަށޭނަ، އީޖާދީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ކަމަށާއި، މިކަމަށް ބޭނުންވާ ސީދާ ރާއްޖޭގެ ހާލަތަށް ފެތޭނެ ފަދަ ހައްލުތަކެއް ކަމަށް ހައިތަމް ވަނީ ވިދާޅުވެފައެވެ.

"މިޕްލާންޓް ހިންގުމަށް ބޭނުނުންވާ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ 50,000 އަކަ މީޓަރުގެ ޖާގަ ގްރޭޓާ މާލެ ސަރަހައްދުން ލިބެން ނެތްކަން ވެސް ފާހަގަކޮށްލަމެވެ. އަދި އެކަމަކީ އިގްތިސާދީ ގޮތުން ޚަރަދާއި ނުބައްދަލު ނިންމުމެއް ކަމުގައިވެސް އަޅުގަނޑު ދެކެމެވެ. އެހެން ކަމުން އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި މި މަޝްރޫޢުގެ ޓެންޑަރ ފަރުމާކުރެވިފައި ވަނީ ނިޒާމުގެ ޑިޒައިނާއި އިންޖިނިއަރިންޑްއަށް ރަނގަޅަށް ރިޢާޔަތް ނުކޮށެވެ." ހައިތަމް ފޮނުއްވި ސިޓީގައިވެއެވެ.

މީގެ އިތުރުން ސުވޭޖަކީ އެކި ޒާތުގެ ވިހަ މާއްދާއާއި ފާމަސޫޓިކަލް ރެޒިޑިއު އަދި މައިކްރޯޕްލާސްޓިކް ހިމެނޭ އެއްޗެއް ކަމުގައި ވާއިރު، ޓްރީޓް ނުކުރާ ފެން ދޫކުރުމަކީ ކަނޑު ތަޣައްޔަރުވެ ގުދުރަތީ ވެއްޓަށާއި ކަނޑުގެ ދިރުންތަކާއި އިންސާނުންނަށް ވެސް ނޭދެވޭ އަސަރު ކުރުނެ ކަމެއްކަން ހައިތަމްގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. އެކަމުގެ ސަބަބުން ކަނޑުގައި ދިރިއުޅޭ މަސްމަހާމެހިން މައިކްރޯޕްލާސްޓިކާއި ކެމިކަލްގެ ބާވަތްތައް ފެންނަމުންދާ ކަން ދިރާސާތަކުން ހާމަވާ ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށް ހައިތަމް ވިދާޅުވިއެވެ.

ރާއްޖޭގައި އަމަލުކުރާ ސުވޭޖް ޑިސްޕޯސަލް ރެގިއުލޭޝަންގައި ބުނާ ގޮތުގައި ނަރުދަމާގެ ތެރެއިން ޓްރީޓްކޮށްފައި ކަނޑަށް ދޫކުރާ ފެނުގެ އެފްލުއެންޓް ކޮލިޓީ ރިކުއަމެންޓަކަށް ހުންނަން ޖެހޭނީ ލީޓަރެއްގައި އެންމެ ގިނަވެގެން ވެސް 20 މިލިގްރާމުގެ ބައޯކެމިކަލް އޮކްސިޖަން ޑިމާންޑް (ބީއޯޑީ5) ކޮންސެންޓްރޭޝަނެކެވެ. އެހެން ނަމަވެސް މި މަޝްރޫއުގެ ޓެންޑަރގެ ދަށުން ބައެއް ހާލަތްތަކުގައި އެއްވެސް ގޮތަކަށް ޓްރީޓް ނުކޮށް 10,000 ކިއުބިކް މީޓަރުގެ ނަޖިސް ފެން ކަނޑަށް ދޫކުރުމުގެ ފުރުސަތު ފަހިވެފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ހައިތަމް ވަނީ ހިއްސާކުރައްވާފައެވެ. މިއީ ސުވޭޖް ޑިސްޕޯސަލް ރެގިއުލޭޝަނާ ކަނޑައެޅިގެން ޚިލާފު، އަދި ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް ހައިތަމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަޝްރޫއުގެ ދަށުން ރަޖިސް ޓްރީޓްކުރެވިފައި ހުންނަން ޖެހޭނީ ފަސް މިލިގްރާމުގެ ބައޯކެމިކަލް އޮކްސިޖަން ޑިމާންޑް (ބީއޯޑީ5) ކޮންސެންޓްރޭޝަން ކަމަށް ވާއިރު، މި ފެންވަރަށް ނަޖިސް ޓްރީޓްކުރެވޭ ގާބިލިއްޔަތުގެ ކުންފުނިތައް ދުނިޔޭގައި ވަރަށް މަދުކަން ހައިތަމް ވަނީ ފާހަގަކުރައްވާފައެވެ. މި މަޝްރޫއުގެ ޓެންޑަގައި ބުނެފައިވާ ފެންވަރުގެ ޓްރީޓްމަންޓް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށްޓަކައި ދުވާލަކު 15 މެގަވޮޓުގެ ކަރަންޓު ބޭނުންވާނެ ކަމަށައި މިއީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސިޓީއަށް ދުވާލަކު ބޭނުންވާ ކަރަންޓުގެ މިންވަރުގެ ތިންބައި ކުޅަ އެއްބައި މިންވަރު ކަމަށް ހައިތަމްގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

ކަރަންޓު އުފެއްދުމަށް ޓަކައި އަންނަންޖެހޭ ތެލާއި، ޕްލާންޓު ހިންގުމަށާއި މެއިންޓެނަންސްނެޓް-ޒީރޯ ކާބަން އެމިޝަންގެ ލަނޑުދަނޑި ހާސިލުކުރުމުގެ ޢަޒުމު ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައި ވަނިކޮށް އިތުރަށް ކަރަންޓަށް ބަރޯސާވާންޖެހޭ ފަދަ މަޝްރޫޢުތައް ފަރުމާކުރީ އެ މަޝްރޫއަށް ކުރި ދިރާސާ ރަނގަޅުނުވުމުން ކަމަށް ހައިތަމް ވިދާޅުވިއެވެ.