ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އއ. ތޮއްޑޫގެ ދަނޑުވެރިންނާއި ގެސްޓްހައުސް ވިޔަފާރިކުރާ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ތޮއްޑޫ އެގްރި ސެންޓަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިން ވަނީ ލޯކަލް ޓޫރިޒަމަށް ކޮންމެ ފަތުރުވެރިޔަކު ދައްކަންޖެހޭ ގްރީން ޓެކްސް ފައިސާ އެރަށަށް ނުލިބޭތީ ހުރި ކަންބޮޑުވުންތަކާއިި، ދަނޑުވެރިކަމަށް ބޭނުންވާ މުޑުވައްތަކާ ކާނާ އަދި ގަސްތަކަށް ޖަހާ ބޭސް ފަދަ ތަކެތި އަތްފޯރާ އަގެއްގައި ލިބެން ނެތުމުން ދިމާވާ ދަތިތައް ފާހަގަ ކުރައްވައިފައެވެ.

މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރިތައް ހިންގަވާ ބޭފުޅުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަރަންޓް ދިނުމުގައި ޗާޖްކުރާ އަގު ތަފާތުވުމުގެ ސަބަބުން ހުރި ދަތިކަން ފާހަގަ ކުރައްވައިފައެވެ.

ރައީސް ވަނީ ތޮއްޑޫއަކީ ދަނޑުވެރި ރަށެއް ކަމަށާއި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ދަނެގެން ސަރުކާރުން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރައްވަމުންގެންދަވާކަން ހާމަކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރަށުގެ ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް ކުރަމުންދާކަމަށާއި، ފެނާ ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށާއި މި މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތްކުރިޔަށްދާނެކަމަށް ވިދާޅުވެފައެވެ.

އަދި ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވާ ސަރުކާރުން ކުރިންވެސް ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ބައެއްތަކެތީގެ ޑިއުޓީކަނޑާލި ނަމަވެސް އޭގެ މާ ބޮޑު ފައިދާއެއް ސީދާ ދަނޑުވެރިންނަށް ނުކުރާކަން ފާހަގަވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގްރޯނެޓް ނުވަތަ އެސްޓީއޯއިން މިތަކެތި ޑިއުޓީއަކާނުލާ އެތެރެކޮށްގެން ހެޔޮއަގުގައި ސީދާ ދަނޑުވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މިހާރު ދަނޑުބިންތައް ދޫކުރާ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައް ކައުންސިލްތަކާ ގުޅިގެން ސަރިކާރުން މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވެފައެވެ.

ގެސްޓްހައުސްތަކުގެ ވެރިންގެ ކަންބޮޑުވުންތަކަށް ޖަބާވުދެއްވަމުން ރައީސް ވަނީ ގްރީން ޓެކްސް މިހާރު ޚަރަދު ކުރަނީ ތިމާވެށީގެ ކަންކަމަށާއި، ފެނާނަރުދަމާގެ މަސައްކަތަށްކަން ފާހަގަކުރައްވައި،ފައެވެ. ނަމަވެސް އެމަނިކުފާނުވެސް ގަބޫލުފުޅުކުރައްވާ ގޮތުގައި ގްރީން ޓެކްސްގެ ބޮޑު އިންސައްތައެއް ޚަރަދުކުރަން ޖެހޭނީ އެ ރަށަކަށްކަން ފާހަގަކުރައްވައި އެގޮތަށް ވިސްނުން ބަހައްޓަވައިގެން އެކަން ކުރިޔަށްގެންދަވާނެކަން ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ކުރިން ރައީސް ވަނީ އެސްޓީއޯގެ ފަރާތުން ތޮއްޑޫގައި ހިންގާ އެގްރި ސެންޓަރުގައި ހުރި ތޮއްޑޫގެ ދަނޑުވެރިން އުފައްދާފައިވާ ކާނާގެ ބާވަތްތައްް ބައްލަވާލައްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ 266 ދަނޑުވެރިއެއް މިހާރުވެސް ވަނީ އެގްރޯނެޓްގައި ރެޖިސްޓަރ ކޮށްފައެވެ .މީގެ އިތުރުން އެމަނިކުފާނު ވަނީ ތޮއްޑޫގައި މިހާރު ސަރުކާރުން ތަރައްގީ ކުރަމުންދާ ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

ރައީސް ތޮއްޑޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓްގެ މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    މީގަ މިއޮތީ އެއްކަންފަތުން އެހިވާހަކަ! އަނެއް ކަންފަތުން ނުކުމެގެން ދިޔަ ވާހަކައެއް ނެތެއްނު!

  2. މަބޭ

    ރިޔެކްޓް ކުރައްވާނީ ވަރައްލަގުންކަމައް ވިދާޅުވި އެހެންވީމަ 2023 ވަނައަހަރާ ހަމަޔައް ތޮއްޑޫރައްޔިތުން އިންތިޒާރުކޮއްލައްވާ

  3. Anonymous

    ތަންދޮރުނުދަންނަ އިބުރާ އައްބުނަން ގަސްކާނާއާއި ގެސްޓުހައުސް އަކީ ރައީސައްވުރެ މާދައް އެއީ ކައުންސިލުން ކުރާކަންތައް ރައީސް އިއުލާން ކުރާނީ ބުރިޖާއި މެގަ ހައުސިންޕްރޮޖެކްޓް ގަމާރު