ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އއ. ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ތޮއްޑޫ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސް ސޯލިހަށް ދެއްވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އއ. ތޮއްޑޫ ކައުންސިލާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ކައުންސިލުން ވަނީ މަގު ހެދުމަށް ބޭނުންވާ ކަމާއި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ކަމާއި ބަނދަރުގެ އެކްސްޓެންޝަން މަސައްކަތާއި ދޭތެރޭ ހުރި ހުށަހެޅުންތަކާއި، ސްކޫލަށް ބޭނުންވާ އިތުރު ކަންކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ހިމެނޭހެން ރަށުގެ ތަރައްގީއާ ގުޅޭ ކަންކަން ފާހަގަ ކުރައްވައިފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން ވަނީ އޮފީސް އިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ރައީސްއާ ހިއްސާ ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ރަށުގެ ތަރައްގީ އަށް ރާވާފައިވާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.

އެގޮތުން މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައި ކަމަށާއި ރަށުގެ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް އައިޖީއެމްއެޗްގެ އައުޓްރީޗް ޕްރޮގްރާމް މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.

އަދި ރަށުގެ ސްކޫލްގެ މަލްޓި ޕާޕަސް ހޯލް ނިމި 12 ކްލާސްރޫމް ނިމިފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ވަނީ އޮފީހުގެ ޖާގައިގެ ދަތިތައް ހައްލު ކުރުމަށް ގޮތްތަކެއް ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި ބަނދަރުގެ މަސައްކަތުގައި ރައްޔިތުން ހުށަހެޅުއްވި ކަންކަމަށް ރިއާޔަތްކޮށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމަށްފަހު ރައީސް ވަނީ ތޮއްޑޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އިން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ 12 ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލް ރަސްމީގޮތުން ހުޅުއްވައި ދެއްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ތޮއްޑޫގެ ބައެއް ދަނޑުބިންތަކަށް ވަނީ ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވައިލައްވާފައެވެ.